ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ނައިފަރުގައި ފާހަގަކޮށްފި

2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ނައިފަރުގައި ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ، ނައިފަރު ކައުންސިލް ގުޅިގެން 2019 މާރޗް 7، 8 އަދި 9 ވަނަ ދުވަހު ވަނީ ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން ދުވަސް ފެށުމުގެ ގޮތުން، މިދުވަހުގެ ހެނދުނު ކަނބަލުންގެ ހިނގާލުމެއް އިންތިޒާމްކުރެވިގެން ގޮސްފައި ވެއެވެ. އަދި ދުވަހުގެ ހަވީރު ކަނބަލުންނަށް ހާއްޞަ ބައިސްކަލް ރޭހަކާއި، ވޮލީ މެޗެއް އިންތިޒާމްކުރެވިގެން ގޮސްފައި ވެއެވެ. މި ޚަރަކާތްތައް ވަނީ ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދެވިފައެވެ. ހަވީރުގެ ޚަރަކާތްތައް ޝަރަފްވެރިކޮށްދެއްވީ، ނައިފަރު ކައުންސިލްގެ މެމްބަރ ވިދާދު ޢަބްދުﷲ އެވެ. ވިދާދު ޢަބްދުﷲ އަކީ ނައިފަރު ކައުންސިލްގެ މެމްބަރ ކަމަށް އިންތިޚާބު ކުރެވިފައިވާ ޝަރަފްވެރި އަންހެން ކަނބަލެކެވެ.

މިޚަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި، ބައެއް ވަނަތަކަށް ދިޔަ ބައިވެރިންނަށް ކައުންސިލްގެ ފަރާތުން ވަނީ އެކިއެކި އިނާމުތައް ވެސް ހުށަހެޅިގެން ގޮސްފައެވެ.
އަދި މިދުވަހުގެ ޚަރަކާތްތައް ނިންމާލުމުގެ ގޮތުން، 2019 މާރޗް 09 ވަނަ ދުވަހު، ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ވަނީ، ރަށުގެ ބައެއް އިސްރަށްވެހިންގެ ގެތަކަށް ޒިޔާރަތެއް ކޮށްފައެވެ. މިޒިޔާރަތުގައި، އެގޭގެއަށް ވަނީ، ކޮމެޓީގެ ފަރާތުން އެކިއެކި ހަދިޔާތައް ބަދަލުކުރެވިފައެވެ.
މިދުވަހުގެ މުނާއްސަބާއާއި ގުޅުވާލާއިގެ ހިންގުނު މިޚަރަކާތްތައް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ޚަރަކާތްތެރިވެފައި ވަނީ ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ.
މީގެ އިތުރުން، މިދުވަހުގެ މުނާއްސަބާއާއި ގުޅިގެން މިކައުންސިލްގެ ހުރިހާ ފިރިހެން މުވައްޒަފުން ބައިވެރިވެގެން އިންތިޒާމްކޮށް، ކައުންސިލްގެ ހުރިހާ އަންހެން މުވައްޒަފުންނަށް ދުވަހުގެ މަރްހަބާ ކިޔުމުގެ ޚަރަކާތެއްވެސް 2019 މާރޗް 07 ވަނަ ދުވަހުގެ ހެނދުނު ވަނީ ކުރިޔަށް ގެންދެވިފައެވެ.