
ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޢާއިލީ ހަވީރުގައި ނައިފަރު ކައުންސިލުން ވަނީ ބައިވެރިވެފައެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން އިސްނަންގަވައިގެން ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޢާއިލީ ހަވީރުގައި ނައިފަރު ކައުންސިލުން ވަނީ ބައިވެރިވެފައެވެ. ދުވަސް ފާހަގަ ކުރުމަށް 13 އޮކްޓޯބަރ 2017 ގައި މަދްރަސަތުލް އިފްތިތާޙް ގައި ބޭއްވުނު “އިސްރަށްވެހިންގެ ޢާއިލީ ހަވީރު 2017” ގައި، ފާދިއްޕޮޅު އަތޮޅު ކައުންސިލާއި އެކު ބައިވެރިވެގެން ބެހެއްޓި ސްޓޯލްގެ ނަމަކީ “ގަދަ ބާރަ” އެވެ.
ޒަމާންވީ މަސައްކަތްތައް ދައްކާލުމާއި، މިޒަމާނަށް ފައްތާފައިވާ މަސްކާށި ކެއުމާއިއެކު އެކި ކުޅިވަރުތައް ކުރިއަށްގެންދިއުމާއި ތަފާތު ހަދިޔާތައް ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ފޯރުކޯށްދީފައިވެއެވެ. އަދި، މުސްކުޅި ވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް ތަޖުރިބާކޮށްލުމަށް ޚާއްޞަ އެކްޕީރިއެންސް ޒޯނެއްގެ އިތުރުން ގެދޮރު ޢިމާރާތް ކުރުމުގައި ޢުމުރުން ދުވަސްވީ ފަރާތްތަކަށް ފަސޭހަވާނޭ ގޮތަށް ޢިމާރާތް ކުރުމަށް ސަމާލުކަން ދޭންވީ ކަންކަމާއި ބެހޭ މަޢުލޫމާތު ދައްކުވައިދޭ ލިޔުންތައްވެސް ސްޓޯލްގައި ބެހެއްޓިފައި ވެއެވެ.
ނައިފަރުގައި ހުންނަ ސަރުކާރުގެ އެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވެ 10 ސްޓޯލެއް މިހަވީރުގައި ބެހެއްޓިއެވެ. އަދި ޅ. އަތޮޅު ހޮސްޕިޓަލުން ތަފާތު ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތު ޗެކަޕް ކޮށްދިނުން ކުރިއަށް ގެންދިޔަކަން ފާހަގަ ކޮށްލަމެވެ.