ނޫރާނީ ޕްރީ ސްކޫލުގެ ތަޢާރަފް

ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑު ޙާލާއި ގުޅިގެން ނައިފަރުގެ ރައްޔިތުންނަށް ވެސް ވަނީ ވަރަށް ބޮޑަށް އިޤްތިޞާދީ ގޮތުންނާއި ޞިއްޚީ ގޮތުންނާއި އަދި ޢުމްރާނީ ގޮތުން ނިކަމެތިކަން ލިބިފައެވެ. ހަނގުރާމަ ނިމި ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަނޭވާ ލެވުނުއިރު ރަށުގެ ތަޢުލީމީ ޙާލަތުވަނީ ވަރަށް ވެސް ބޮޑަށް ދަށު ދަރަޖަ އެއްގައެވެ. އެގޮތުން އެދުވަސްވަރު ރަށުގެ އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ހިތްތަކުގައި ރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެވޭތޯ ޝައުގުވެރިކަން އުފެދި އެކަމަށް މަސައްކަތް ފަށައިގަނެވުނެވެ. ނަތިޖާއެއްގެ ގޮތުން ރަށުގެ ދެއަވަށުގައި (އުތުރު އަވަށާއި ދެކުނު އަވަށުގައި) ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ދެ މަދަރުސާ ހުޅުވިއެވެ. ދެކުނު އަވަށުގައި ދ.ދ މަދްރަސާ ހުޅުވުނެވެ. ދ.ދ މަދްރަސާ އުފެއްދުމުގެ ބޭނުމަކީ އެދުވަސްވަރު ރާއްޖެ އަށް ކުރިމަތި ވެފައިވާ ތަދުމަޑު ކަމުގެ ސަބަބުން މައިން ބަފައިންނަށް އެމީހުންގެ ދަރިންނަށް އަޅައި ނުލެވި، ތަޢުލީމު ދިނުމެއްނެތި ކުދިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވި، ބޮޑެތިވަމުން ދާތީ ރަށުގެ ދަރިންނަށް ތަޢުލީމުދީ އެހީތެރިކަމެއް ދެވޭތޯ ބެލުމެވެ.

ދ.ދ މަދަރުސާ، ދެކުނު ދެއަވަށު ( ހުޅަނގުދެކުނު/ އިރުދެކުނު ) މަދަރުސާ ހުޅުވުނީ 21 ޝައްވާލް 1366 ގައެވެ. ދ.ދ މަދަރުސާ ހުޅުވެ ކިޔަވައިދޭން ފެށުނީ ދެކުނު އަވަށު އަށި ގޭގައެވެ. އެއީ ދަތުރު ވަރުގައި ރަށަށް އަންނަ ބައެއް މީހުން ނިދުމަށާއި ތަކެތި ވިއްކަން ގެންނަ މީހުން ތިބެން ރާނާ ހިޔާކޮށް ދެފުށުން އުވަޖަހާފައި ވާ އިމާރާތެކެވެ. ފަހުން އެއިމާރާތް ބޭނުން ކުރެވެމުން އައީ ދެކުނު އަވަށުގެ ރައްޔިތުންގެ ބައެއް ތަކެތި ރައްކާކުރާ ގުދަނެއްގެ ގޮތުގައެވެ. ދ.ދ މަދަރުސާ ހިންގަމުން ގެންދިޔަ އިމާރާތް ހުރީ މިހާރު ނޫރާނީ ޕްރީސްކޫލް އެހުރި ގޯތި ތެރޭގައެވެ. މަދަރުސާ ފުރަތަމަ ހުޅުވިގެން ދިޔަ ދުވަސްވަރު ކުދިން މަދަރުސާއަށް ހާޒިރު ކުރެވެމުން ދިޔައީ މަދަރުސާގެ އެހީތެރިންގެ ގޮތުގައި އުޅުއްވި ބޭފުޅުންނަށް ކުދިންކޮޅު ބަހާލައިގެން އެބޭފުޅަކާއި ހަވާލުވެފައިވާ ކުދިން ހޯދައިގެން ފެންވަރުވާ ނާސްތާ ދީގެން މަދަރުސާއަށް ގެންދަނީއެވެ. އެގޮތުން އެހީތެރިންގެ ގޮތުގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި އާމިނާ ޔޫސޫފުޅު ޗަންދަރުގެ،  ސަންފާ މޫސާ،  ދޮންކަތްދާ ޔޫސުފް،  ދޮންޙަލީމާ ދޮންޙުސެއިން ޙާޖީ،  ދޮންކަނބުލޮ މޫސާކަލޭގެ،  ކުޑަކަނބުލޮ އަބްދުﷲ،  ދޮންސިއްތިޔަ ޢުމަރު،  މުއުމިނާ އަބްދުﷲ،  ފަދަ ބޭކަނބަލުން ހިމެނެއެވެ.  މިދުވަސްވަރު ކިޔަވައިދިނީ ވަކި އުމުރު ފުރާއަކަށް ބަލައިގެންނެއް ނޫނެވެ. އުމުރުން ގާތްގަނޑަކަށް 6 އަހަރުން ފެށިގެން އަވަށުގައި ނުކިޔަވާ ތިބޭ ކުދިން ގެނެސް ކިޔަވައިދޭ ގޮތަކަށެވެ. ފުރަތަމަ ފަށައިގަތް އިރު ކިޔަވައިދިނީ ޢަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށްދިނުމެވެ. އަދި ޤުރުއާން ކިޔަވައިދިނުމާއި ދީނިއްޔާތު ކޮންމެވެސް ވަރަކަށް ކިޔަވައިދެމުން ގެންގޮސްފައި ވެއެވެ. ފަހުން މަދްރަސާއަށް އަންނަ ކުދިން އިތުރުވެ ކިޔެވުމަށް ކުދިން ޝައުޤުވެރިކަން އުފެދުމުން ކިޔަވައިދޭ މާއްދާތައް އިތުރުކުރެވެމުން ގެންދެވުނެވެ.

ދ.ދ މަދްރަސާގެ ފުރަތަމަ ވެރިންނާއި މުދައްރިސުން.

ދ.ދ މަދްރަސާ ހުޅުވުނީ އޭރުގެ އަތޮޅުވެރިޔާ ޢަބްދުލް ޙަކީމް ކާންނާ ކަލޭފާނުގެ އިރުޝާދާއި އިސްނެގުމުގެ ދަށުންނެވެ. އެހެން ކަމުން މަދްރަސާގެ ނާޒިރަކީ ޢަބްދުލް ހަކީމް ކާންނާ ކަލޭފާނެވެ. ނާޒިރުގެ ދަށުން މަދްރަސާ ހިންގަވަމުން ގެންދެވި ވެރިންގެ ތެރޭގައި ކަތީބު މޫސާ ކަލޭފާނު، ކުޑަ ކަތީބު މުޙައްމަދު ޢަބްދުލް ޙަކީމް، ހިމެނެއެވެ. އެއަށްފަހު ކުޑަ ކަތީބު މޫސާ ޙަސަން، ކަތީބު ޢަބްދުއްލަޠީފް ޢަބްދުލް ޙަކީމް،އިބްރާހިމް ޢީސާފުޅު، ކަތީބު މުޙައްމަދު ނިޒާރު އިބްރާހިމް މަދުގަސްދޮށުގެ އުޅުއްވިއެވެ. ނާޒިރުގެ ދަށުން މަދުރަސާ ހިންގުމުގައި މުޙައްމަދު ޒަކަރިއްޔާ މީޒާން، އަބްދުލް ވާޙިދު މުޙައްމަދު ދިލްޝާދުގެ، އަބްދުލްވައްހާބު ޢަބްދުއް ރަޙްމާން ރަތްތަރިގެ، ޢަލީ މޫސާފުޅު ތަންހަޅިގެ،އަޙްމަދު ޢަބްދުލް ޤާދިރު، މުޙައްމަދު ނަޢީމް ރޭދުވާގެ، ޚިދުމަތް ކުރައްވާފައިވެއެވެ.

ދ.ދ މަދްރަސާގެ ފުރަތަމަ މުދައްރިސުންގެ ތެރޭގައި ކުޑަ ހުސޭން ޢަލީ ވައިލެޓްމާގެ، އަލިފުޅު މުޙައްމަދު ފުޅު މަސްތަކާގެ، އާދަމްކޮއި ޢީސާ ސީރިޔަޒްގެ، އާދަމްކޮއި އިބްރާހިމް ކަސްމީރުގެ، އިބްރާހިމް ޢީސާފުޅު އާޒާދުގެ، ޙުސައިން އިބްރާހިމް ދީދީ އަނޯނާގެ، އަބްދުﷲ ޔޫސުފް އަލީ ނާރެސް، އަބްދުﷲ ޔޫސުފް ޙަކީމް ޗަންދަރުގެ، އަދި މިނޫންވެސް މިފަދަ ގިނަ ބޭފުޅުން ސުކޫލަށް ޚިދުމަތް ކުރެއްވިއެވެ.

މަދަރުސާ ހުޅުވިގެން ކިޔަވައިދޭން ފެށިއިރު ކިޔަވައިދޭ މުދައްރިސުންނަށް ދެވޭ ވަކި މުސާރައެއް ނޯވެއެވެ. ދެވޭ އުޖޫރައެއްގެ ގޮތުގައި ގޮއި މަހުން މަސްބައެއް ދިނުމާއި ރައްޔިތުންގެއަށް އޮންނަ މަޑިވަރުން ގެންނަ ކާށިން ކޮންމެވެސް އަދަދަކަށް ކާށި ދެއްވަމުން ގެންދެވިއެވެ. އަދި މިނޫންވެސް އެހެނިހެން ތަކެތިން އުޖޫރަ ދެއްވަމުން ގެންދެވިފައިވެއެވެ. މީގެ އިތުރުން އެދަތި ދުވަސްވަރު ދެވުނު އެހީއަކީ “ކަންނެލި ނާސްތ”އެވެ. އެއީ އ.އ. މަދަރުސާގެ މުދައްރިސުންނަށް އިރުމަތީގެއިން ، ދ.ދ. މަދަރުސާގެ މުދައްރިސުންނަށް ދެކުނުގެއިން ދެއިރު ސައި ދެއްވުމެވެ. ބަޔެއް މުދައްރިސުންނަށް ހިލޭ ކާޑުވެސް ދެއްވިކަމަށް ވެއެވެ. އެންމެ ފުރަތަމަ ދެމަދަރުސާގެ މުދައްރިސުންނަށް ދެއްވަން ފެއްޓެވީ ވަރަށް ކުޑަ އުޖޫރައެކެވެ. އުޖޫރަ ބިނާކުރެވިފައިއޮތީ ގަޑިފުރާ މިންވަރެއްގެ މައްޗަށެވެ.

ދ.ދ މަދްރަސާގެ ނަން ބަދަލުވުން.

ދ.ދ މަދްރަސާގެ ކިޔަވައިދިނުން އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ ތަރައްޤީ ކުރެވެމުންނެވެ.  މަދްރަސާއަށް ކިޔަވާންދާ ކުދިން އިތުރުވުމާ، މަދްރަސާގައި ކުރިން ކިޔަވައި ދެމުން އައި މާއްދާތަކުގެ އިތުރުން ހިސާބު، ޢަރަބި ތާނަ ލިޔުން އަދި ދީނިއްޔާތު ފަދަ މާއްދާތައް އިތުރު ކުރެވިގެން ކިޔަވައި ދެއްވަން ފެއްޓުނެވެ.

ދ.ދ މަދްރަސާގެ ނަން ނޫރާނީ މަކްތަބުގެ ނަމަށް ބަދަލު ކުރެވުނީ ހިޖްރައިން 1378 ވަނަ އަހަރުއެވެ. އޭރުގެ އަތޮޅުވެރިޔާ އަލްއުސްތާޛް ޢަބްދުﷲ ޙަމީދްގެ އަތޮޅުވެރި ކަމުގައެވެ. އެއީ މަދްރަސާގެ އޭރުގެ ނާޒިރުވެސް މެއެވެ.

ނޫރާނީ މަކްތަބުގެ އައު ޢިމާރާތް އެޅުން

1963 ވަނަ އަހަރާއި ހަމައަށް އައިއިރު ނޫރާނީ މަކްތަބުގައި ކިޔަވާކުދިން އިތުރުވެ ތަނުގެ ޖާގަ ދަތިވުމުގެ ސަބަބުން ކުރިން ކިޔަވައިދެމުންއައި އަށިގެ ތަޅާލައި އެތަނުގައި އާއިމާރާތެއްގެ ބިންގާ 19 ޖޫން 1963 ( 26 މުޙައްރަމް 1383 ޙ) ވީ ބުދަވިލޭރޭ އެޅުނެވެ. މިއާޢިމާރާތް އެޅުމުގައި އަވަށުގެ ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެކު ޢިމާރާތް ނިންމާ އައު ޢިމާރާތް ހުޅުވުނީ 6 މާރަޗް 1964 ( 21 ޝައްވާލް 1383 ހ.) ވީ ހުކުރު ވިލޭރޭގައެވެ. މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވާ އަދި ޢިމާރާތް ހުޅުއްވައިދެއްވީ އަތޮޅުވެރިޔާ އަދި ނާޒިރު ޢަބްދުލް ޙަކީމް ކާންނާ ކަލޭގެފާނެވެ. މިއައު ޢިމާރާތް އެހާ އަވަސް މުއްދަތެއްގައި ނިންމާ ލެވުނީ އަވަށުގެ ކުރިޔަށް ތިއްބެވި ބޭފުޅުންކަމުގައިވާ އިބްރާޙީމް ކަލޭގެފާނު، ޙުސެއިން އިބްރާހިމް ޙާޖީ، މުޙައްމަދު ޢަބްދުލް ޙަކީމް، ޢަބްދުއްރަޙްމާނު އަލީ، އާދަމް ކޮއި އީސާ، އަބްދުﷲ މޫސާ ކަނޑޫދޫ، ފަދަ ބޭފުޅުން ދެއްވި އެއްބާރުލުމާއިއެކުގައެވެ.

ފަހަކަށް އައިސް ނޫރާނީމަކްތަބަށް ބޮޑެތި ޚިދްމަތްތަކެއް ކޮށްދެއްވި ފަރާތްތަކެއް ފަހަގަކޮށްލާއިރު ދެކުނު އަވަށުގައި އުފެދުނު ޖަމުޢިއްޔާއެއްކަމުގައިވާ ޒުވާނުންގެ ޖަމުޢިއްޔާއިން އެޖަމުޢިއްޔާގެ ނޫކަށި ފުރާގައި ނޫރާނީ މަކްތަބުގެ އުމްރާނީ ތަރައްޤީއަށް ކޮށްދެއްވި ޚިދްމަތްތައް ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އެޖަމުޢިއްޔާގެ އެއް މުއައްސިސް އިބްރާހިމް އަބްދުﷲ އާއި ބައެއް އިސްވެރިން ޚިދްމަތް ފާހަގަ ކޮށްލެވެއެވެ.

ނޫރާނީ މަކްތަބުގެ ނަން ނޫރާނީ ޕްރީސްކޫލްގެ ނަމަށް ބަދަލުވުން.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އައި ބަދަލާ ގުޅިގެން ޢުމުރުން 6 އަހަރުން ފެށިގެން ޕްރައިމަރީ ސްކޫލް ގައި ކިޔަވަން ފުރުޞަތު ހަމަޖެހުމާއި ގުޅިގެން  ނޫރާނީ މަކްތަބުގައި ކިޔަވައި ކުދިންގެ ޢުމުރު ދަށްވެގެން ދިޔައެވެ. އުމުރުން 4 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިން ނޫރާނީ މަކްތަބުގައި ކިޔަވާ ކުދިންގެ ގޮތުގައި އުޅެމުން ގެންދިޔައެވެ. ނަތީޖާ އެއްގެ ގޮތުން ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެވެމުން ދިއުމާއެކު ކުޑަކުދިންނަށް ކިޔަވައި ދިނުމުގެ ވެއްޓެއް އުފެދިގެން ދިޔައެވެ. ކުޅިވަރުގެ ތެރެއިން އުގަންނައި ދިނުމުގެ މަސައްކަތް ނޫރާނީ މަކުތަބުގައި ފެށިގެން ކުރިޔަށް ގެންދެވެން ފެށުނެވެ. މިކަމާއި ގުޅިގެން ތުއްތު ކުދިންނަށް ކިޔަވައިދޭ ތަނަކަށްވާތީ 26 ޑިސެމްބަރ 2001 ގައި ނޫރާނީ މަކުތަބުގެ ނަން ނޫރާނީ ޕްރީސްކޫލްގެ ނަމަށް ބަދަލު ކުރެވުނެވެ. ރާއްޖޭގައި ޕްރީސްކޫލް ތަޢުލީމު ފެށިގެން އައި ދުވަސްވަރު ރާއްޖޭގައި ނަމޫނާ ޕްރީސްކޫލްތަކެއްގެ ގޮތުގައި ފުރަތަމަ ފާހަގަކޮށްލެވުނު ޕްރީސްކޫލްތަކުގެ ތެރޭއިން އެއްސުކޫލްގެ ގޮތުގައި ނޫރާނީ ޕްރީސްކޫލް ހިމެނުނުކަން ފާހަގަކުރެވެއެވެ.