އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

އިންޓަރ އޮފީސް ފުޓްސަލް މުބާރާތް

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު ކައުންސިލާއި ފާދިއްޕޮޅު އަތޮޅު ކައުންސިލް ގުޅިގެން ނައިފަރުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުން ރޭ ބާއްވައިފިއެވެ.

ފިރިހެން 8 ޓީމާއި އަންހެން 4 ޓީމު ބައިވެރިވާ މި މުބާރާތުގެ ގުރުއަތުލުން ބޭއްވީ މަދުރަސަތުލް އިފްތިތާޙްގެ ކޮމްޕިއުޓަރ ލެބްގައެވެ. ދެގްރޫޕަކަށް ބަހާލައިގެން ފިރިހެން މުބާރާތް ބާއްވާއިރު، ފުރަތަމަ ގްރޫޕުގައި ވާދަކުރަނީ ޓީމް ހޮސްޕިޓަލް، ނައިފަރު ފަޔަރ ސްޓޭޝަން، ޔުނައިޓެޑް ބީ.އެމް.އެލް އަދި ކައުންސިލްސްގެ ޓީމްތަކެވެ. ދެވަނަ ގުރޫޕުގައި ވާދަކުރަނީ ފެނަކަ، ޓީމް ޕޮލިސް، އިފްތިތާޙް ގެ އިތުރުން ޚާއްޞަ ދަޢުވަތެއް ދީގެން ބައިވެރިވާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ ޓީމެވެ. އަންހެން މުބާރާތުގެ ޓީމުތަކަކީ ފެނަކަ އެލަޔަންސް، ކައުންސިލްސް، ޓީމް ހޮސްޕިޓަލް އަދި ޓީމް އިފްތިތާޙެވެ.

ކުލަގަދަ ޙަފްލާއެއްގައި ގުރުއަތުލުން ބޭއްވިގެން ދިޔައިރު، މިޙަފްލާގައި ވަނީ މުބާރާތުގެ މުބާރާތް ކޮމިޓީވެސް ތަޢާރަފް ކޮށްފައެވެ. އަދި މުބާރާތަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ލަވަވެސް މިޙަފްލާގައި އިވިގެން ދިޔައެވެ.

ޙަފްލާގެ އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި، ކުރިއަށް އޮތް އަހަރު ތަކުގައިވެސް ފާދިއްޕޮޅު އަތޮޅު ކައުންސިލާއި ނައިފަރު ކައުންސިލް ގުޅިގެން މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި އެމް.އޯ.ޔޫ ގައި ސޮއިކުރުން އޮތެވެ. އެމް.އޯ.ޔޫގައި ސޮއި ކުރެއްވީ ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ނައިބު ރައީސް އަލްފާޟިލް އިބްރާޙިމް ޝިމާޢު އާއި ނައިފަރު ކައުންސިލްގެ ފަރާތުން ރައީސް އަލްފާޟިލް މުޙައްމަދު ކާރިމެވެ. މިޙަފްލާ ޝަރަފްވެރިކޮށްދެއްވީ ނައިފަރުގައި ކުޅިވަރަށް ގިނަގުނަ ޚިދުމަތް ތަކެއް ކޮށްދެއްވާ އަދި ނައިފަރުގެ މަޝްހޫރު ކޯޗެއް އަދި ކުޅުންތެރިއެއްކަމުގައިވާ އަލްފާޟިލް މަޙުމޫދު ޢަބްދުﷲ، (ޗަންދަރުގެ، ޅ.ނައިފަރު)އެވެ.