ނައިފަރު ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރ 2010/7 ގެ 110 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބްރުއަރީ މަހު ބޭއްވުމަށް ލާޒިމްކުރާ ބައްދަލުވުން، 2019 ފެބްރުއަރީ 28 ވަނަ ދުވަހުގެ ރޭ 21:00 ގައި، ނައިފަރު ކައުންސިލުން، ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. 1:30 މިނެޓަށް ކުރިއަށް ދިޔަ މި ބައްދަލުވުމުގައި  ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯޓް ރައްޔިތުންނާއި ހިއްސާކޮށްފައި ވެއެވެ.

މިބައްދަލުވުން ފެށިގެން ދިޔައީ، ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ޤުރުއާން ކިޔަވާ ވިދާޅުވީ އަލްޤާރީ މުޙައްމު ޚާން އާސިމް އެވެ. އަދި ބައްދަލުވުން ތަޢާރަފްކޮށްދެއްވީ ނައިފަރު ކައުންސިލްގެ ޑިރެކްޓަރ އަދި ޒިންމާދާރުވެރިޔާ އަލްފާޟިލް އަޙްމަދު ޔާސިރު އެވެ.

އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ހުށަހަޅުއްވާދެއްވީ ކައުންސިލްގެ މެމްބަރ އަލްފާޟިލާ ވިދާދު ޢަބްދުﷲ އެވެ. އަދި އެއަށްފަހު، ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ކާރިމް، މިބައްދަލުވުމުގައި ބައިވެރިވެލެއްވި ފަރާތްތަކާއި މުހާތަބްކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިވާހަކަފުޅުގައި، ކައުންސިލުން 2018 ވަނަ އަހަރު ހިންގާފައިވާ މުހިއްމު ޚަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލުމާއެކު، މިއަހަރު ރޭވިފައިވާ ޚަރަކާތްތަކާއި ގުޅޭ ގޮތުން އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން މިއަހަރު، ނައިފަރުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.

ރައީސްގެ ވާހަކަފުޅަށް ފަހު ބައްދަލުވުމުގެ ބައިވެރިންނަށް އިތުރަށް އޮޅުންފިލުވުމަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ސާފުކުރުމަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވިގެން ދިޔައެވެ. މިފުރުސަތުގައި ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ އެބޭފުޅުންގެ ކަންބޮޑުވުންތަކާއި، ކައުންސިލުން ސާފުކުރުމަށް ބޭނުންވާ ބައެއް މުހިއްމު ކަންކަމާއި ގުޅޭ ސުވާލުތައް ކޮށްފައެވެ. މިސުވާލުތަކަށް ޖަވާބު ދެއްވީ ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ކާރިމާއި، ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު ޝާހިދު ޢަބްދުﷲ އަދި ކައުންސިލްގެ މެމްބަރ އަލްފާޟިލް މަމްނޫޙް ޢީސާއެވެ. މީގެ އިތުރުން، އިދާރީ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ކުރެވުނު ބައެއް ސުވާލުތަކަށް، ޒިންމާދާރުވެރިޔާ އަޙްމަދު ޔާސިރު ވަނީ އިދާރީ މަސައްކަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށްދެއްވާފައެވެ. މި ބައްދަލުވުމުގައި ނައިފަރު ގެ އެކި އުމުރު ފުރާތަކުގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.