ފާދިއްޕޮޅު ނައިފަރު ކައުންސިލް މެންބަރުން ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައިފި

ނައިފަރު ކައުންސިލުން ދަޢުލަތުގެ ވުޒާރާތަކާއި ބައްދަލުކުރުމަށް 2019 މެއި މަހުގެ 19 އިން 23 އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި 19 މެއި 2019 ވަނަ ދުވަހު ބައްދަލުކުރައްވައިފި އެވެ.
މިދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ނައިފަރު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު އަދި ރަށުގެ ތަރައްޤީގައި ދިމާވެފައިވާ ގޮންޖެހުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްސާ ކުރެއްވިއެވެ.
ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ނައިފަރު ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ފެނާއި، ނަރުދަމާގެ މަޝްރޫޢު އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދިއުމާއި، ރަށުގައި ޔޫތު ސެންޓަރެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ޒުވާނުންގެ ކުރިމަގަށް ދިމާވާ އިޖުތިމާޢީ މައްސަލަތައް ޙިއްޞާ ކުރެއްވިއެވެ. އަދި ނައިފަރުގެ ގޯތިގެދޮރާއި ބިމުގެ ދަތިކަމާއި، ހޮސްޕިޓަލުގެ މުވައްޒަފުންނާއި، ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައްވެސް މެންބަރުން ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން މަދްރަސަތުލް އިފްތިތާޙްގެ މިހާރު ތަޢުލީމީ ހާލަތާއި، ސްކޫލުގައި ޢިމާރާތް ކުރަމުން އަންނަ 12 ކްލާސް ރޫމްގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވާ މައްސަލައާއި، ނައިފަރުގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އަތޮޅުގައި ޤާއިމްކުރެވިފައިވާ ރިޒޯޓްތަކުން، އަތޮޅުގެ ރައްޔިތުންނަށް ފަހިވެގެންދާ ވަޒީފާގެ ފުރުޞަތުތައް މަދުކަން ފާހަގަކުރައްވާ މިކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރަށުގެ ޙާލަތް ޙިއްސާ ކުރައްވާފައެވެ.
މިބައްދަލުވުމުގައި ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި، މިންވަރާ މެދު، ނައިފަރު ކައުންސިލްގެ ކަންބޮޑުވުންތައް ރައީސުލް ޖުމްހޫރިއްޔާއާއި ހިއްސާކުރެވިފައި ވެއެވެ. މިގޮތުން މިހާރު މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ކުރިޔަށް ގޮސްފައިވާ މިންވަރަށް ބަލާއިރު 30 އިންސައްތަ ނިމިފައިވާކަން ފާހަގަކުރައްވާފައި ވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަނީ އެލް.އީ. ޓްރިވެނީ ޖޭ.ވީ ކިޔާ އިންޑިޔާގެ ކުންފުންޏަކުންނެވެ. 2017 ޖުލައި 02 ވަނަ ދުވަހު ފަށާފައިވާ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައި ވަނީ 2018 ޑިސެމްބަރ 24 ގެ ނިޔަލަށެވެ. ނަމަވެސް މުއްދަތު ފަހަނައަޅާ ދިޔައިރުގައި މި މަޝްރޫޢުގެ ބޮޑު ބައެއް އަދިވެސް ނިމިފައެއް ނުވެއެވެ.


މީގެ އިތުރުން ކައުންސިލްގެ ބައެއް ބިންތައް ޤަވާއިދާ ޚިލާފަށް ބޭނުންކުރަމުން އަންނަ ފަރާތްތަކުގެ މައްސަލަތައް، މި މައްސަލަތަކާއި ގުޅުންހުރި ވުޒާރާތަކާއި ހަމައިން ހުއްޓި، އެފަދަ މައްސަލަތައް ކުރިޔަށް ގެންގޮސް ހައްލު ހޯދުމަށް ދަތިވެފައިވާކަން ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ އާއި ހިއްސާކުރައްވާފައި ވެއެވެ.
ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، 2020 ވަނަ އަހަރުގެ ބަޖެޓްގައި ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫޢާއި، ޔޫތް ސެންޓަރގެ މަޝްރޫޢު އަދި ނައިފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢު ހިމަނާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފެނާއި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ލަސްވަމުން އަންނަ މައްސަލަ ބައްލަވާ ދެއްވާ، އެމަޝްރޫޢު އަވަސް މިނެއްގައި ކުރިޔަށް ގެންގޮސް ނިންމާލުމަށް ކޮށްދެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނައިފަރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ ވުޒާރާތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.