އެންގޭޖިން ސިވިލް ސޮސައިޓީ ޓު ރިޕްރޮޑަކްޓިވް ރައިޓްސް ޕްރޮޖެކްޓަކީ އ.ދ. ގެ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ UNFPA (United Nations Population Fund) އިން ދިވެހިރާއްޖޭގައި އުފެދިފައި އޮތް މަދަނީ ޖަމިއްޔާ ޖަމާޢަތްތަކަށް އަމާޒުކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް 2011 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު އާންމުކޮށް އިޢުލާންކޮށްފައިވާ ޕްރޮޖެކްޓްކެވެ. މިގޮތުން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ސީދާ އިސްނެގުމާއި އެކު ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން ހުށަހެޅުނު ޕްރޮޖެކްޓް ޕްރޮޕޯސަލް (އެވެއާރނެސް ޕްރޮގްރާމް އޮން އަންޑަސްޓޭންޑިންގ ރިޕްރޮޑަކްޓިވް ހެލްތް އެންޑް ރައިޓްސް) UNFPA އިން ބަލައިގަނެ ވެދެއްވި އެހީގެ ދަށުން ހިންގަމުންދާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓްގައި ހިމެނޭ މައިގަޑު ބައިތައް
- ދަރިމައިވުމުގެ ސިއްހަތާއި، އާއިލާ ރޭވުމާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހިމެނޭ ލީފްލެޓް ޕޯސްޓަރ ފަދަ ތަކެތި ތައްޔާރުކޮށް އާންމުންނަށް އެމަޢުލޫމާތުތައް ފޯރުކޮށްދިނުން.
- ހުރިހާ އުމުރު ފުރާއެއްގެ މީހުންނަށް އަމާޒުކޮށްގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ތަކާއި ވޯރކް ޝޮޕްތައް ހިންގުން.
- އަލަށް ޒަވާޖީ ހަޔާތަށް ފައްޓާ ފަރާތްތަކަށް ދަރިމައިވުމުގެ ސިއްހަތާއި، އާއިލާ ރޭވުމާއި ބެހޭ ގޮތުން ކައުންސިލިން ދިނުން.
- ދިވެހި މުޖްތަމަޢުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ހާނިއްކަ އިތުރުވެފައިވާތީ އާންމުންގެ ހޭލުން ތެރިކަން އިތުރުކޮށް މިފަދަ ކަންތައްތައް ދެނެގަނެ މިކަންތައްތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދީ ހޭލުން ތެރިކަން އިތުރު ކުރުން.
- ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކާއި، އެބަލިތަކުގެ ޢަލާމާތްތަކާއި، އެބަލިތައް ޖެހެން މެދުވެރިވާ ސަބަބުތަކާއި ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
- ފުރާވަރުގައި ކުދިންނަށް އަންނަ ޖިސްމާނީ އަދި ނަފްސާނީ ބަދަލުތައް އަންގައިދީ ހޭލުންތެރިކަން އިތުރުކުރުން.
- ދެމެހެއްޓެނިވި ގޮތެއްގައި މިމަޢުލޫމާތުތަކާއި ތަފާސް ހިސާބުތައް ލިބިގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އިންޓަރނެޓް ވެބްސައިޓެއް ފަރުމާކޮށް ހުޅުވައިލުން.
މި ޕްރޮޖެކްޓުން ޙާސިލްކުރަން ބޭނުންވާ ކަންތައްތައް
- ދެޖިންސްގެ ޒުވާނުންނަށް ހަމަހަމަކަމާއި އެކު ލިބިފައިވާ ހައްޤުތައް އަންގައިދީ އެފަރާތްތަކުގެ ފުރިހަމަ ބައިވެރިވުމާއި އެކު ނައިފަރުގެ ސިޔާސީ، އިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތްކުރުން.
- މުޖްތަމަޢުގައި އަންހެނުންގެ ދައުރު ފުޅާކޮށް އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދީ ފުރުޞަތުތައް ހޯދާދިނުން.
- ރައްޔިތުންގެ މެދުގައި މިޕްރޮޖެކްޓްގައި ހިމެނޭ މައިގަޑުކަންތައްތަކަށް ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ހޯދާ ފޯރުކޮށް ދިނުމުގެ ވެއްޓެއް ގާއިމްކުރުން.
- އާންމުގެ މެދުގައި ހޭލުންތެރިކަން އިތރުކޮށް، ނޭނގި ބަލިވެއިނުމާއި، ވިހާ އުމުރުގައި މަރުވާކުދިންގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރުމާއި، ފަގީރުކަން ނައްތާލުމަށް މަސައްކަތް ކުރުން.
- ތަފާސް ހިސާބުތައް ބަލަހައްޓާ މިމަޢުލޫމާތު ތަކަކީ ފަސޭހަ ކަމާއި އެކު ލިބިގަނެވޭ މަޢުލޫމާތުތަކަކަށް ހެދުން
- ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމުގައި ރަށުގެ ޖަމިއްޔާ ޖަމާޢަތްތަކުގެ ބައިވެރިވުން އިތުރުކުރުން.