ތަޢާރަފް

ތަޢާރަފް
ނައިފަރަކީ ރާއްޖޭގެ ރަށްތައް އުތުރުން ދެކުނަށް އެތުރިފައިވާ އެތުރުމުގައި މާލެ އަތޮޅާއި އެންމެ ކައިރީގައި އިރުމަތީ ބިތުގައި އޮންނަ ފާދިއްޕޮޅު (ޅ.އަތޮޅު) ގެ ވެރިކަންކުރާ ރަށެވެ. ނައިފަރު އޮންނަނީ އިރުމަތީ ޠޫލުން ”00 ’20 73 ގައި ޢަރުޟުން ”00 ’27 05 ގައެވެ. ރަށުގެ ދިގުމިނަކީ 1.117 ކިލޯމީޓަރ ( 1117 މީޓަރ ) އެވެ. ރަށުގެ ދިގުމިނަކީ 1.117 ކިލޯމީޓަރ ( 1117 މީޓަރ ) އެވެ. ފުޅާމިނަކީ 0.737 ކިލޯ މީޓަރ ( 737 މީޓަރ ) އެވެ. 33.21 ހެކްޓަރ ބިމުގެ ބޮޑުމިނުގައި ހުންނަ މިރަށުގެ ރަޖިސްޓަރީ އާބާދީއަކީ 5030 އެވެ. އޭގެތެރެއިން 1200 މީހުން ދިރިއުޅެނީ، ރަށުން ބޭރުގައެވެ. އަދި ބާކީތިބި 3800 މީހުން ދިރިއުޅެނީ، ރަށުގައި 720 ގޭގައި 950 ބިސީއެއްގެ މައްޗަށެވެ. ފުރަމާލެއާއި ނައިފަރާއި ދެމެދު 76.5 ނޯޓިކަލް މޭލުގެ ރާސްތާއެއް ވެއެވެ. ޢާއްމު ގޮތެއްގައި ރަށުގައި ކުރެވޭ މައިގަނޑު އިޤްތިޞާދީ މަސައްކަތްތަކަކީ މަސްވެރިކަމާއި، ޢިމާރާތްކުރުމާއި ފަތުރުވެރިކަމުގެ އިތުރުން ސަރުކާރުގެ ވަޒީފާ އަދާކުރުމެވެ.

ދިރިއުޅުމަށްޓަކައި ނައިފަރު މީހުން ކުރާ މަސައްކަތްތައް:
ދިރިއުޅުމަށްޓަކާ ނައިފަރުގެ އެންމެ ގިނަބަޔަކު ކުރާ މަސައްކަތަކީ، މަސްވެރިކަމެވެ. މީގެ އިތުރުން، ކައިރީގައިވާ ފެލިވަރު ފިޝަރީސް މޯލްޑިވްސްގަޔާ، ރިސޯރޓްތަކުގައިވެސް، ނައިފަރުގެ ގިނަ ބަޔަކު މަސައްކަތުގައި އުޅެއެވެ. އަތޮޅު ކައުންސިލްގެ އިދާރާއާ ރަށުކައުންސިލްގެ އިދާރާ، ހޮސްޕިޓަލް، ސްކޫލް އަދި މަލްޓިޕާޕަސް ބިލްޑިންގއާ ދަނާލު، ބޭންކް، ފެމެލީ ސަރވިސް ސެންޓަރުފަދަ މުއައްސަސާތަކުގެ ސަބަބުން، ނައިފަރު ރައްޔިތުންނަށް ނުހަނު ގިނަ ވަޒީފާތައް ރަށުގައި ތިބެގެން އަދާކުރުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. އަމިއްލަ މަސައްކަތްތަކުގައި މަޝްޣޫލު ވެފައިވާ ދާއިރާތަކުގައި، ބަކަރި ގެންގުޅުމާ، ވަޑާންކުރުމާ، ޢިމާރާތް ކުރުމުގެ ދާއިރާއިން އާމްދަނީ ހޯދާ ފަރާތްތައްވެސް ނައިފަރުގައި ގިނައެވެ.

ނައިފަރުގެ އުމްރާނީ ތަރަށްޤީ:
ނައިފަރަކީ، ވަރަށްކުރިންފެށިގެންވެސް، ރައްޔިތުން ހަދައި ބަލަހައްޓަމުންދާ ހާބަރެއް އޮންނަ ތަނެކެވެ. ހާބަރާ ގުޅިފައިވާ ކަނޑު ތޮށްޓާ އެއްގަމު ތޮށްޓަކީ، ރައްޔިތުންގެ ބުރަ މަސައްކަތެވެ. ނަމަވެސް ސުނާމީގެ ސަބަބުން ކަނޑުތޮށްޓާ އެއްގަމު ތޮށްޓަށް، އަދި ހާބަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެތަންތަންވަނީ ވަރަށްބޮޑަށް ވީރާނަވެ، މަރާމާތަށް ބޭނުންވެފައެވެ. ދުއްވާ ތަކެތި ގިނަވުމުގެ ސަބަބުން، މަގުތައް ހަނަފަސްވެ، މަގުތައް ވަނީ، ހަދަންޖެހިފައެވެ. ކުނިކޮށްޓެއް ހުރިކަމުގައިވީނަމަވެސް، ކުނި ނައްތައިލުމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗަރާއި، ވަޞީލަތްތައް މިހާތަނަށް ޤާއިމް ކުރެވިފައެއް ނުވެއެވެ. ރަށުގައި ދައުލަތުގެ ފަރާތުން މިހާތަނަށް ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫއެއް ހިންގާފައިނުވި ނަމަވެސް އަމިއްލަ ފަރުދުން އިސްނަގައިގެން ރަށުގެ އެކިސަރަހައްދުތަކުގައި ފާޚާނާލައިންތައް އަޅާފައިވެއެވެ. އެހެންކަމުން ރަށުގެ އެއްވެސް ގޭބިސީއަކުން ރަށުގެބިމަށް ނަޖިސް ހިންދަމުން ނުދެއެވެ. އަމިއްލަ މީސްމީހުންގެ ގޯތި ގެދޮރު ޢާންމުކޮށް 1 ބުރިއަށް ހަދާފައި ހުރިނަމަވެސް ދެބުރި ޢިމާރާތުން ފެށިގެން 6 ބުރި ޢިމާރާތްތައްވެސް އަމިއްލަ މީހުންގެ ގެދޮރުގެ ގޮތުގައި ބިނާކޮށްފައި އެބަހުއްޓެވެ. ނައިފަރުގައި ދައުލަތުގެ މުއައްސަސާތަކުގެ ތަފާތު ޢިމާރާތްތައް ހުރެއެވެ. އޭގެތެރޭގައި ޕޮލިސް ބިލްޑިންގ، މަލްޓިޕާޕަސް ބިލްޑިންގ، ފަޔަރ ބިލްޑިންގ، ފެމެލީ ސަރވިސް ސެންޓަރ، ދަނާލު، ބޭންކް، ކޮމިޔުނިޓީ ސެންޓަރ ފަދަ ޢާންމުކޮށް ރަށްރަށުގައި ނުހުންނަ ގިނަ މުއައްސަސާތައް ޤާއިމްކުރެވިފައި ވެއެވެ. ހިތްފަސޭހަކޮށްލަން ދާފަދަ، ފިނިމައިޒާނާއި، ޕާކްފަދަ ތަންތަން ނައިފަރުގައި ނެތެވެ. އެތަންތަންވަނީ، ޤާއިމްކުރަންޖެހިފައެވެ. އަލަށް ހިއްކާފައިވާ 30 ހެކްޓަރުގެ ބިމުގައި، އެކަންކަމަށް ހުސްކޮށްފައިވާ ބިންތަކުގައި، އެފަދަ ތަންތަން ތަރައްޤީކުރުމަށް ބައެއް އެންޖީއޯތަކާ ވަނީ ޙަވާލުކުރެވިފައެވެ.

އިޤްތިޞާދު:
• ދެހާހުގެ ކުރީގެ އަހަރުތަކާޖެހެންދެން، ނައިފަރަކީ، މާލެއާ އުތުރުގެ ރަށްތަކާދެމެދު ދަތުރުކުރާ ދަތުރުވެރިން ރޭގަނޑު މަޑުކޮށްލުމަށް، އެންމެ ހިތްފަސޭހަ، އަމާން މަންޒިލަކަށް ބެލެވި ދަތުރުވެރިން މަޑުކުރަމުން އައި މަންޒިލެކެވެ. މީގެ ސަބަބުން ވިޔަފާރީގެ މުޢާމަލާތުތައް ކުރެވި، ރަށަށް ނަފާ ލިބިފައިވެއެވެ.
• 1900 ކުރީކޮޅު ނައިފަރާ އޮޅުދޫކަރަޔާދެމެދު ވަނީ ސީދާ ދަތުރުތައް ކޮށްފައެވެ. މީގެ ސަބަބުން، އެ އަހަރުތަކުގައިވެސް ނައިފަރު މީހުންނަކީ، އޮޅުދޫކަރަޔާއެކު ކުރެވޭ ވިޔާފާރީގެ މުޢާމަލާތުގެ ސަބަބުން، ރަނގަޅު އާމްދަނީއެއް ލިބި ފުދިގެން އުޅުނު ބަޔެކެވެ.

ތަޢުލީމާ އަދަބިއްޔާތު
• ނައިފަރަކީ، ދިވެހިރާއްޖޭގެ ދެވަނައަށް އެންމެ ގިނަދުވަސްވީ ސްކޫލް ކަމުގައިވާ މަދްރަސަތުލް އިފްތިތާޙް އެރަށެއްގައި ޤާއިމް ކުރެވިފައިވާ ރަށެވެ.
• ދިވެހިބަހުން އެންމެ ފުރަތަ ޅެމެއް ހެއްދެވި، މަރުޙޫމް ހުތްއަލިދީދީއަކީ ނައިފަރުގެ ދަރިޔެކެވެ.

އާދަކާދަޔާ ސަޤާފަތް:
• ނައިފަރަކީ ބޭރުރަށްރަށުން އަންނަ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމަށް މަޝްހޫރުރަށެކެވެ. މިކަމަކީ ރަށުގެ ރައްޔިތުންގެ އާދަކާދަތަކުގެ ތެރޭ ހިމެނިފައިވާ ރިވެތި ޚާއްޞަ ސިފައެކެވެ.
• ނައިފަރު މީހުންގެ ވާހަކަ ދެއްކުމުގައި، ދިވެހިބަހުގެ ލިޔުމުގައި، އައިބައިފިލި އޮންނަ ތަންތަނުގައި އޭބޭފިލި ބޭނުންކުރަމުން ގެންގޮސްފައިވެއެވެ.
• މަސްވެރިކަމާއި ގުޅިފައިވާ އާދަކާދަތައްކަމަށްވާ މަސްކައްކައި ހިއްކައިގެން އާމްދަނީ ހޯދުމާއި ރިހާކުރު އޮލަކުރުންފަދަ ކަންކަމަކީ ނައިފަރުގައި ކުރާ ބައެއް މަސައްކަތްތަކެވެ.
• މީގެ އިތުރުން ނައިފަރަކީ ބަކަރި ހުއިހެއްޕުމުގައިވެސް މަޝްހޫރު ރަށެކެވެ.
• ކެއިންބުއިމުގައި ބިންބިފުށާއި ގޮދަންފުށުން ހުނި ރޮށްޓާއި މަސްހުނި، ދިޔާހަކުރުގައި ރޯފަނި، ބަނބުކެޔޮ އަދި ފާރޮށި ފަދަ ބައެއް ތަކެތި ޢާންމު ގޮތެއްގައި ކުރީގައި ބޭނުންކުރެވުނެވެ.

ޞިއްޙީ ދާއިރާ:
• ނައިފަރަކީ، ދިވެހިބޭހަށް އެންމެ މޮޅު ޙަކީމުންގެތެރޭގައި ހިމެނުނު، މަރުޙޫމް ޢަބްދުލްޙަކީމް ކާންނާ ކަލޭފާނުގެ އުފަން ރަށެވެ. ރާއްޖޭގެ ކަންކޮޅުތަކުން، ބޮޑެތި ބަލިތަކުގައި ފަރުވާކުރުމަށް ކަލޭފާނުގެ ޙަޔާތްޕުޅުގައި، ނައިފަރަށް އައިސްފައިވެއެވެ.
• ރާއްޖޭގައި އެންމެ ފުރަތަމަ ޞިއްޙީ މަރުކަޒެއް ޤާއިމްކޮށްފައިވަނީ ޅ.ނައިފަރު ގައެވެ. މިމަރުކަޒު މިހާރުވަނީ ޒަމާނީ އަތޮޅު ހޮސްޕިޓަލަކަށް ބަދަލުކުރެވިފައެވެ. އަތޮޅު ހޮސްޕިޓަލެއް ކަމުގައި ވީނަމަވެސް ނ، ރ، ބ، އަތޮޅުގެ މީހުންގެ އިތުރުން ކ. ކާށިދޫންވެސް މި ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާކަން ފާހަގަ ކުރަމެވެ.

ކަރަންޓާއި ފެނާއި ނަރުދަމާ:
ނައިފަރުގެ ރައްޔިތުންނަކީ، 600 ކިލޯ ވޯޓުގެ ކަރަންޓް ކޮންޒިޔުމް ކުރާ ބަޔެކެވެ. މިހަކަތަ ފޯރުކޮށްދިނުމަށްޓަކައި، ނޯދަން ޔުޓިލިޓީސް ލިމިޓެޑުން ނައިފަރުގައި، ޑީސަލް އިންޖިން ބޭނުންކޮށްގެން ކަރަންޓް ދެއެވެ. މީގެ އިތުރުން، ގޭގެއަށް ބޭނުންވާ މިންވަރަށް ބޯފެން ރައްކާކުރެވެން ނުހުންނާތީއާ، ބިމުގެ ފެން ބުއިމަށް އެކަށީގެން ނުވާތީއާ، ބައެއް ސަރަޙައްދުތަކުގައި، ދޮވެ ސާފުކުރުމަށް އެކަށީގެންވާފަދަ ފެން ލިބެން ނުހުންނާތީ، ސުނާމީ ރިކަވަރީގެ ދަށުން ނައިފަރަށް ލިބިފައިވާ 30 ޓަނުގެ ފެންޕްލާންޓުން ގޭބިސީތަކަށް ފެން ފޯރުކޮށްދެމުން ދެއެވެ. މި ހުރިހައި ކަމަކާއެކުވެސް، ނައިފަރުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނޯވެއެވެ. ނަރުދަމާގެ ގޮތުގައި ބޭނުންކުރެވެމުންދަނީ، އަމިއްލަގޮތުން އަވަށްޓެރިންގެ ގްރޫޕްތަކުން މޫދަށް އަޅާފައިވާ ފާޚާނާ ހޮޅިތަކެވެ.

ތިމާވެށި:
ރަށް ފުރިފައިވުމުންނާ، ވަޞީލަތްތައް ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާތީ، ވެށީގެ ބެލެންސް ގެއްލި، ތަފާތު މައްސަލަތައް ކުރިމަތިވެފައި ވެއެވެ. ގިނައިން ފެން ނެގުމުގެ ސަބަބުން، ބިމުގެ ފެން ލޮނުވުމާ، ގޮނޑުދޮށުން ވެލި ނެގުމުގެ ސަބަބުން، ގޮނޑުދޮށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވެއެވެ. ގިނަ ޢިމާރާތްތައް ކުރަންޖެހިފައިވާތީ، ބިންމަދުވެ ގަސްގަހާގެއްސަށް ބިމުން ލިބޭ ޖާގަ މަދުވުމުން، ނައިފަރުގެ މުޅި މަލަ އެކުގައިވަނީ، ޢިމާރާތްތަކަކަށް ބަދަލުވެފައެވެ. ހަކަތަ އުފެއްދުމަށާ، މުވާޞަލާތުގައި އިޢާދަކުރަނިވި ވަޞީލަތްތައް ބޭނުން ނުކުރާތީ، ކާބަން ބޭރުވާމިންވަރު، ނައިފަރުގެ ނިޞްބަތުން މައްޗެވެ. ކުނި ނައްތައިލެވޭނޭ އެކަށީގެންވާ ނިޒާމެއް ނެތުމާ، އެކަށީގެންވާ ނަރުދަމާއެއް ނެތުމުން، ކުންޏާއި ނަޖިސް ރަށުގެ ވަށައިގެން އޮތް ގޮނޑުދޮށްތަކަށާ، ހާބަރުތެރެއަށް އެޅެމުން ދިއުމުގެ ސަބަބުން ގޮނޑުދޮށްތަކާ، ވަށައިގެންވާ މޫދުގެ ސާފުތާހިރުކަން ގެއްލި، ބަލިމަޑުކަން އުފެދުމަށް ފުރުޞަތު ފަހިވެފައިވެއެވެ.

ޓެކްނޯލޮޖީއާ ނޯހައު
• ރާއްޖޭގައި އެންމެފުރަތަމަ އިންޖީނު އަޅައިގެން ދުއްވާފައިވަނީ، ނައިފަރު ކާންނާ ކަލޭފާނުގެ “ރިއްމަސް” ކިޔާ އޮޑީގައެވެ. މި އޮޑީގައި އިންޖީނު އަޅައިދެއްވި ފަންނާނަކީ، އަޙްމަދު އާދަމް (ހ.ހިކަރި / މާލެ) އެވެ.
• ރާއްޖެތެރޭގައި އެންމެ ފުރަތަމަ ރޭޑިއޯ ފްރެކުއެންސީ ބޭނުންކޮށްގެން ބޭރުރަށްރަށާއި މުޢާމަލާތު ކޮށްފައިވަނީ ޅ.ނައިފަރު ގައެވެ.
• ރާއްޖޭގައި ކޭބަލްޓީވީގެ ޚިދްމަތް އެންމެ ފުރަތަމަ ދޭންފެށިފައިވަނީ، ޅ.ނައިފަރުގައެވެ. މި ޚިދްމަތް ނައިފަރުގައި ދޭންފެށިއިރު، ޓީވީއެމް ފިޔަވައި އެހެން ޓީވީތައް މާލޭގައިވެސް ބަލައިއުޅުނީ ސެޓްލައިޓް ޑިޝްއެންޓަނާ ގަނެވޭފަދަ ފުދުންތެރިން އެކަންޏެވެ.
• ޓީވީ ކޭބަލް ތެރެއިން، އިންޓަރނެޓްގެ ޚިދްމަތް ގޭބިސީތަކަށް އެންމެ ފުރަތަމަ ދޭންފެށިފައިވަނީވެސް ޅ.ނައިފަރުގައެވެ.

ދަތުރުފަތުރުގެ މުވާޞަލާތު:
މާލެ ދަތުރުކުރާ ރަށުގެ ދެ ބޯޓާއި، ޢާންމުކޮށް މާލެއާ ނައިފަރާ ދެމެދު ދަތުރުކުރާ 3 ސްޕީޑް ލޯންޗްގެ ފެރީގެ ޚިދްމަތް ރަށަށް ލިބެމުންދެއެވެ. އޭގެ އިތުރު، އަތޮޅުތެރޭގައި ސަރުކާރުން އޮޕަރޭޓްކުރާ ފެރީގެ ޚިދްމަތް ރައްޔިތުން ބޭނުންކުރަމުން ދެއެވެ. މީގެ އިތުރުން ސްޕީޑް ލޯންޗްގެ ޚިދުމަތް އަމިއްލަ ގިނަ ފަރާތްތަކަކުން ފޯރުކޮށްދެމުން ދެއެވެ.

މުނިފޫހިފިލުވުމާއި ކުޅިވަރު:
މުނިފޫހި ފިލުވުމާ، ކުޅިވަރުގެ ރޮނގުން ނައިފަރުގައި ފާހަގަ ކުރެވެނީ، ފުޓްބޯޅަ، ވޮލީ، އަދި ލައިވް މިޔުޒިކް ފަދަ ކަންކަމެވެ. އެކަށީގެންވާ ރަނގަޅު ފުޓްބޯޅަ ދަނޑަކާއި، އެފަދަ ވޮލީ ކޯޓެއް ނައިފަރުގައި ޤާއިމްކުރެވިފައި ވެއެވެ. ރަށުގެ އެހެން ހިސާބުތަކުގައި ހަވީރަށް ފުޓްބޯޅަކުޅޭ ކުދިން ވަގުތީ ދަނޑުތައް އަޅައިގެން ކުޅެ އުޅެތެވެ. މިޔުޒިކްގެ ރޮނގުގައި، އެކަށީގެންވާ ކުރިއެރުންތަކެއް ނައިފަރުގެ ޒުވާނުން ހޯދާފައިވެއެވެ. މިގޮތުން، ކޮމްޕޯސަރުންނާ، މަޝްހޫރު ލަވަކިޔުންތެރިން، ނައިފަރުގައި ދަނީ އުފެދެމުންނެވެ. އަދި މިފަހަކަށް އައިސް، ބޮޑުބެރުޖެހުމާ، ލައިވް މިޔުޒިކް ޝޯވްތައް ޑެލިވަރ ކޮށްދިނުމުގެ ޤާބިލްކަން ނައިފަރުގެ ފަންނާނުން ވަނީ ހޯދާފައެވެ.