ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ތަޢާރަފް

ތަޢާރަފް

ފާދިއްޕޮޅު ނައިފަރު ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ފާދިއްޕޮޅު ނައިފަރު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 7 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިގޮތުން މިއިދާރާ އުފެދިފައިވަނީ ޅ.އަތޮޅުގެ ވެރިކަން ކުރާރަށް ޅ.ނައިފަރުގައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ހަމައެކަނި ނައިފަރުގެ ރައްޔިތުންނަށެވެ.

ރަށް: ޅ.ނައިފަރު

ޅ.ނައިފަރަކީ ރާއްޖޭގެ ރަށްތައް އުތުރުން ދެކުނަށް އެތުރިފައިވާ އެތުރުމުގައި މާލެ އަތޮޅާއި އެންމެ ކާރީގައި އިރުމަތީ ބިތުގައި އޮންނަ ފާދިއްޕޮޅު (ޅ.އަތޮޅު) ގެ ވެރިކަން ކުރާ ރަށެވެ. ރަށުގެ ދިގުމިނަކީ 1.117 ކިލޯމީޓަރ ( 1117 މީޓަރ ) އެވެ. ފުޅާމިނަކީ 0.737 ކިލޯ މީޓަރ ( 737 މީޓަރ ) އެވެ. 52 ހެކްޓަރ ބިމުގެ ބޮޑުމިނުގައި ހުންނަ މިރަށުގެ ރަޖިސްޓަރީ އާބާދީއަކީ 5030 އެވެ. އޭގެތެރެއިން 1200 މީހުން ދިރިއުޅެނީ، ރަށުން ބޭރުގައެވެ. އަދި ބާކީތިބި 3800 މީހުން ދިރިއުޅެނީ، ރަށުގައި 720 ގޭގައި 950 ބިސީއެއްގެ މައްޗަށެވެ. ފުރަމާލެއާއި ނައިފަރާއި ދެމެދު 76.5 ނޯޓިކަލް މޭލުގެ ރާސްތާއެއް ވެއެވެ. ޢާއްމު ގޮތެއްގައި ރަށުގައި ކުރެވޭ މައިގަނޑު އިޤްތިޞާދީ މަސައްކަތްތަކަކީ މަސްވެރިކަމާއި، ޢިމާރާތްކުރުމާއި ފަތުރުވެރިކަމުގެ އިތުރުން ސަރުކާރުގެ ވަޒީފާ އަދާކުރުމެވެ.

ނައިފަރު ކައުންސިލުންދޭ ޚިދުމަތްތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ލާޒިމްކޮށްފައިވެއެވެ.މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖުތިމާޢީ އެކިއެކި ތަންތަނާއި ސަރަހައްދުތައް ބެލެހެއްޓުމާއި އެހެން މުޢައްސަކާތަކަށް އެހީތެރިވުން ހިމެނެއެވެ.

އަދި ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާއެކެވެ.

އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 25 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ.

ލޯކަލް ގަވަމެންޓް ގާނޫނާއި ދައުލަތުގެ ފައިސާއާއި މުދާ ބެލެހެއްޓުމުގެ ޤާނޫނާއި އަދިވެސް ދައުލަތުގެ މުދަލާއި ފައިސާއާއި ބެހޭ އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ރަށުގެ ފައިސާގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.

ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.

އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް

ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު ތިން ޔުނިޓަކަށެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ. ސިވިލްސަވިސް މުވައްޒަފުންގެ މަސައްކަތްތައް އޮބްސަރވް ކުރުމަށްޓަކައި ކައުންސިލް މެންބަރުންވެސް ވާނީ އެކިއެކި ޔުނިޓްތަކަށް ބަހާލެވިފައެވެ.

ކޯޕަރޭޓް އެފެއަރޒް ޔުނިޓް

މިޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަޖިސްޓްރޭޝަންއާއި ސެންސަސް ބެލެހެއްޓުމާއި އިދާރީ ހުއްދަތަކާއި ލިޔުންތައް ތައްޔާރުކޮށްދިނުމާއި ހިއުމަން ރިސޯސް މަސައްކަތްތަކާއި ފައިސާއާއިބެހޭ މަސައްކަތް ހިމެނެއެވެ.

މުނިސިޕަލް ސަރވިސް ޔުނިޓް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށުގައި ދެވޭ އަސާސީ ޚިދުމަތްތަކާއި މުނިސިޕަލް ޚިދުމަތްތައް ހިންގާ ބެލެހެއްޓުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެސެޓްސްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ބިމާއި ގުޅޭގޮތުން ހުށަހެޅޭ މަސައްލަތައް ދިރާސާކޮށް ކައުންސިލަށް ހުށަހެޅުން ހިމެނެއެވެ.

އިކޮނަމިކް ޑިވެލޮޕްމަންޓް އެންޑް ސޯސަލް ސަރވިސް ޔުނިޓް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށު ތަރައްޤީގެ ޕްލޭން ތައްޔާރުކުމާއި ޕްލޭން ރިވިއުރުމާއި ޕްލޭނުން ހާޞިލްވަމުންދާ މިންވަރު ބަލާ ހިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށް ތަރައްޤީ ކުރެވިދާނެ އައު ވިސްނުންތައް ނެރުމާއި ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް އެކަންކަމާއި ގުޅޭގޮތުން ކައުންސިލަށް ލަފާދިނުމާއި އެފަދަ ޕްރޮޖެކްޓްތައް ރާވާ ހިންގުން ހިމެނެއެވެ. އަދި އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ޕްރޮގްރާމްތަކަށް އެހީތެރިވުން ހިމެނެއެވެ.