ރޯޝަނީ ޕްރީސްކޫލުގެ ތަޢާރަފް

ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑު ޙާލާއި ގުޅިގެން ނައިފަރުގެ ރައްޔިތުންނަށް ވެސް ވަނީ ވަރަށް ބޮޑަށް އިޤްތިޞާދީ ގޮތުންނާއި ޞިއްޙީ ގޮތުންނާއި އަދި ޢުމްރާނީ ގޮތުން ނިކަމެތިކަން ލިބިފައެވެ. ހަނގުރާމަ ނިމި ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަނޭވާ ލެވުނުއިރު ރަށުގެ ތަޢުލީމީ ޙާލަތުވަނީ ވަރަށް ވެސް ބޮޑަށް ދަށު ދަރަޖަ އެއްގައެވެ. ނަތީޖާއެއްގެ ގޮތުން އެދުވަސްވަރު ރަށުގެ އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ހިތްތަކުގައި ރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެވޭތޯ ޝައުގުވެރިކަން އުފެދި އެކަމަށް މަސައްކަތް ފަށައިގަނެވުނެވެ. ނަތިޖާއެއްގެ ގޮތުން ރަށުގެ ދެއަވަށުގައި (އުތުރު އަވަށާއި ދެކުނު އަވަށުގައި) ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ދެ ދަރުސް ގާހް ހުޅުވިއެވެ. އެ ގޮތުން އުތުރު އަވަށުގައި އ.އ މަދްރަސާ ހުޅުވުނެވެ. މި މަދްރަސާ އުފެއްދުމުގެ ބޭނުމަކީ އެދުވަސްވަރު ރާއްޖެ އަށް ކުރިމަތި ވެފައިވާ ތަދުމަޑު ކަމުގެ ސަބަބުން މައިން ބަފައިންނަށް އެމީހުންގެ ދަރިންނަށް އަޅައި ނުލެވި، ތަޢުލީމު ދިނުމެއްނެތި ކުދިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލެވި، ބޮޑެތިވަމުން ދާތީ އެކުދިންނަށް ތަޢުލީމުދީ އެހީތެރިކަމެއް ދެވޭތޯ ބެލުމެވެ.

އ.އ މަދްރަސާ ފުރަތަމަ ހުޅުވުނީ 2 ޝައްވާލު 1366 ގައެވެ. އުތުރު އަވަށުގައި ހުރި އަމިއްލަ މީހެއްގެ ގެ ކަމުގައިވާ ތުއްތުބޭގެ ( ތަންހަޅި ޔޫސުފްގެ) ގެއެއްގައެވެ. އެގެހުރި ތަނަކީ މިހާރު ކަރަންކާ އާގޭގެ އިރުމަތިން ހުރި ތަނެވެ. މަދްރަސާ ފުރަތަމަ ހުޅުވިގެން ހިނގަމުން ދިޔަ ދުވަސްވަރު ކުދިން މަދްރަސާއަށް ހާޟިރު ކުރެވެމުން ދިޔައީ މަދްރަސާގެ އެހީތެރިންގެ ގޮތުގައި އުޅުއްވި ބޭފުޅުންނަށް ކުދިންކޮޅު ބަހާލައިގެން އެބޭފުޅަކާ ޙަވާލުވެފައިވާ ކުދިން ހޯދައިގެން ފެނަވަރުވައި ނާސްތާ ދީގެން މަދްރުސާއަށް ގެންދަނީއެވެ. އެއިރު ކިޔަވައިދެނީ ވަކި އުމުރު ފުރާއަކަށް ބަލައިގެނެއް ނޫނެވެ. އުމުރުން ގާތްގަނޑަކަށް 6 އަހަރުން ފެށިގެން ނުކިޔަވާތިބޭ ކުދިން ގެނެސް ކިޔަވައިދޭ ގޮތަކަށެވެ. ފުރަތަމަ ފަށައިގަތްއިރު ކިޔަވައިދޭންފެށީ އަރަބި އަކުރާއި ތާނަ އަކުރު ދަސްކޮށްދިނުމެވެ. އަދި ޤުރުއާން ކިޔަވައި ދިނުމާއި، ދީނިއްޔާތު ކޮންމެވެސް ވަރަކަށް ކިޔަވައިދެމުން ގެންދިޔައެވެ. ފަހުން ކުދިން އިތުރުވެ، ކިޔެވުމަށް ކުދިން ޝައުޤުވެރިކަން އުފެދެން ފެށުމުން ކިޔަވައިދޭ މާއްދާތައް އިތުރު ކުރެވެމުން ދިޔައެވެ..

އ.އ މަދްރަސާގެ އައު އިމާރާތް އެޅުން.

      މަދްރަސާ ހުޅުވުނުތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކިޔަވާ ކުދިން ގިނަވެ އިތުރު ޖާގައަކަށް ބޭނުންވިއެވެ. އެހެން ކަމުން ކުޑަ މިސްކިތުގެ ( މިހާރު މަސްޖިދުއް ސިއްދީޤު) ގެ އިރުމަތީ ފަރާތުން އޮތް ބިމެއްގައި އ.އ މަދްރަސާގެ އައު އިމާރާތުގެ ބިންގާ އެޅުނެވެ. މިއީ ނައިފަރުގައި އެޅުނު ފުރަތަމަ މަދްރަސާގެ ބިންގަލެވެ. މިތަން ޢިމާރާތް ކުރެވުނީ އުތުރު އަވަށު އޮޑިވެރިންނާ ކެޔޮޅުންނާ، އަދި އަވަށުގެ ރައްޔިތުންގެ އެހީއާ އެކުގައެވެ. އ.އ މަދްރަސާގެ އައު އިމާރާތް ހުޅުވުނީ 1 ޖުމާދިލް ޢޫލާ 1369 ގައެވެ.

އ.އ މަދްރަސާގެ ފުރަތަމަ ވެރިންނާއި މުދައްރިސުން.

އ.އ މަދްރަސާ ހުޅުވުނީ އޭރުގެ އަތޮޅުވެރިޔާ ޢަބްދުލް ޙަކީމް ކާންނާ ކަލޭފާނުގެ އިރުޝާދާއި އިސްނެގުމުގެ ދަށުންނެވެ. އެހެން ކަމުން މަދްރަސާގެ ނާޒިރަކީ ޢަބްދުލް ހަކީމް ކާންނާ ކަލޭފާނެވެ. ނާޒިރުގެ ދަށުން މަދްރަސާ ހިންގަވަމުން ގެންދެވި ކުޑަކަތީބު ތަންހަޅިގޭ މުޙައްމަދު ޢަލީ އެވެ. އެއަށްފަހު ކުޑަ ކަތީބު ތަންހަޅިގޭ ޢަބްދުﷲ ޢަލީއެވެ. އަދި އޭގެ ފަހުން ކުޑަ ކަތީބު ޢަބްދުލް ޤައްޔޫމް ޙުސައިން ފުޅެވެ. އަދި އެއަށްފަހު ކަތީބު ޢަބްދުއް ލަޠީފް އިބްރާހީމްއެވެ. ދެންވެސް އެކި ބޭބޭފުޅުން މަދަރްސާ ހިންގެވުމުގައި ހަރަކާތްތެރިވެލެއްވިއެވެ.

ފުރަތަމަ މުދައްރިސުންގެ ގޮތުގައި ރޭނިގޭ ޢަބްދުﷲ ހަސަން، އިބްރާހިމް ކުޑަ މޫސާ، ސަންފާ ޢަލީ ކޮއި، އިބްރާހިމް މޫސާ މަދުގަސްދޮށުގެ، ޢަބްދުﷲ ޝާކިރު، ސަންފާ މުޙައްމަދު، ފަދަ ބޭފުޅުން ހިމެނި ވަޑައި ގަންނަވައެވެ. އަދި އޭގެ ފަހުން މޫނިމާގެ ޢާބްދުލްކަރީމް މޫސާ އާއި މުޙައްމަދު ފައުޒީ އާއި ޢީސާ އިބްރާހިމް ފާހަގަ ކޮށްލެވެއެވެ. އަދިވެސް މިނޫންވެސް އެކިދުވަސްވަރު އެކި ބޭބޭފުޅުން މުދައްރިސުންގެ ގޮތުގައި އުޅުއްވިއެވެ.

މަދްރަސާ ހުޅުވިގެން ކިޔަވައިދޭން ފެށިތަނާ، ކިޔަވައިދޭ މުދައްރިސުންނަށްދެވޭ ވަކި މުސާރައެއް ނޯވެއެވެ. ދެވޭ އުޖޫރައެއްގެ ގޮތުގައި ގޮއި މަހުން މަސްބައެއް ދިނުމާއި، ރައްޔިތުންގެ އަށް އޮންނަ މަޑިވަރުން ގެންނަ ކާށިން ކޮންމެވެސް އަދަދަކަށް ކާށި ދެއްވަމުން ދެންދެވިއެވެ. އަދި މިނޫން އެހެނިހެން ބާވަތުގެ ތަކެތިން އުޖޫރަ ދެއްވަމުން ގެންދެވިފައި ވެއެވެ.

އ.އ މަދްރަސާގެ ނަން ބަދަލުވުން.

އ.އ މަދްރަސާގެ ކިޔަވައިދިނުން އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ ތަރައްޤީ ކުރެވެމުންނެވެ.  މަދްރަސާއަށް ކިޔަވާންދާ ކުދިން އިތުރުވުމާ، މަދްރަސާގައި ކުރިން ކިޔަވައި ދެމުން އައި މާއްދާތަކުގެ އިތުރުން ހިސާބު، ޢަރަބި ތާނަ ލިޔުން އަދި ދީނިއްޔާތު ފަދަ މާއްދާތައް އިތުރު ކުރެވިގެން ކިޔަވައި ދެއްވަން ފެއްޓުނެވެ.

އ.އ މަދްރަސާގެ ނަން ރޯޝަނީ މަކްތަބުގެ ނަމަށް ބަދަލު ކުރެވުނީ ހިޖްރައިން 1378 ވަނަ އަހަރުއެވެ. އޭރުގެ އަތޮޅުވެރިޔާ އަލްއުސްތާޛް ޢަބްދުﷲ ޙަމީދްގެ އަތޮޅުވެރި ކަމުގައެވެ. އެއީ މަދްރަސާގެ އޭރުގެ ނާޒިރުވެސް މެއެވެ.

ރޯޝަނީ މަކްތަބުގެ ނަން ރޯޝަނީ ޕްރީސްކޫލްގެ ނަމަށް ބަދަލު ވުން.

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އައި ބަދަލާ ގުޅިގެން ޢުމުރުން 6 އަހަރުން ފެށިގެން ޕްރައިމަރީ ސްކޫލް ގައި ކިޔަވަން ފުރުޞަތު ހަމަޖެހުމާއި ގުޅިގެން  ރޯޝަނީ މަކްތަބުގައި ކިޔަވައި ކުދިންގެ ޢުމުރު ދަށްވެގެން ދިޔައެވެ. އުމުރުން 4 އަހަރުން ފުރި 6 އަހަރު ނުފުރޭ ކުދިން ރޯޝަނީ މަކްތަބުގައި ކިޔަވާ ކުދިންގެ ގޮތުގައި އުޅެމުން ގެންދިޔައެވެ. ނަތީޖާ އެއްގެ ގޮތުން ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެވެމުން ދިއުމާއެކު ކުޑަކުދިންނަށް ކިޔަވައި ދިނުމުގެ ވެއްޓެއް އުފެދިގެން ދިޔައެވެ. ކުޅިވަރުގެ ތެރެއިން އުގަންނައި ދިނުމުގެ މަސައްކަތް ރޯޝަނީ މަކުތަބުގައި ފެށިގެން ކުރިޔަށް ގެންދެވެން ފެށުނެވެ. މިކަމާއި ގުޅިގެން ތުއްތު ކުދިންނަށް ކިޔަވައިދޭ ތަނަކަށްވާތީ 26 ޑިސެމްބަރ 2001 ގައި ރޯޝަނީ މަކުތަބުގެ ނަން ރޯޝަނީ ޕްރީސްކޫލްގެ ނަމަށް ބަދަލު ކުރެވުނެވެ.