Dhivehi raajjeyge vaige saafu minvaru dhenegathumah takai, Environment Ministry in raajjeyge 10 sarahaddeh gai sensor harukurumuge project ge dhashun Naifaru gai sensor harukoffi

ދިވެރާއްޖޭގެ ވައިގެ ސާފު މިންވަރު ދެނެގަތުމަށްޓަކައި، ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ރާއްޖޭގެ 10 ސަރަހައްދެއްގައި ސެންސަރ ހަރުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ނައިފަރުގައި ސެންސަރ ހަރުކޮށްފި

Dhivehi raajjeyge vaige saafu minvaru dhenegathumah takai, Environment Ministry in raajjeyge 10 sarahaddeh gai sensor harukurumuge project ge dhashun Naifaru gai sensor harukoffi

2 years ago

-

ވައިގެ ސާފު މިންވަރު ދެނެގަތުމަށް ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައި ހަރުކުރުމަށް ހަމަޖެހިފައިވާ ސެންސަރުތަކުގެ ތެރެއިން ނައިފަރުގައި ސެންސަރު ހަރުކުރުމަށް ވެވޭ އެއްބަސްވުމުގައި ނައިފަރު ކައުންސިލުން ތިމާވެއްޓާ ބެހޭ މިނިސްޓްރީއާއެކު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީގެ ބޭފުޅުންނާއެކު ނައިފަރު ކައުންސިލްގައި މިއަދު ކުރިއަށް ގެންދެވުނު މި ރަސްމިއްޔާތުގައި އެއަރ ކޮލިޓީ މޮނިޓަރިންގ ސެންސަރ ޙަވާލުކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ފާދިއްޕޮޅު ނައިފަރު ކައުންސިލާ ދެމެދު ވެވޭ ފަހުމުނާމާގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނައިފަރު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުއެވެ. 

މި ސެންސަރު ހަރުކުރުމުގެ ބޭނުމަކީ ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ހޯދުމާއި، ރަށުތެރެއާއި ރަށް ހިމެނޭ ސަރަޙައްދުގެ (5 ކިލޯމީޓަރު ރޭޑިއަސްގެ) ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސާގެ ޒަރިއްޔާއިން އާއްމުންނަށް ހޯދައި ދިނުމެވެ. އަދި މީގެ އިތުރުން، އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަޣައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، މި ޑޭޓާ ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބޭނުންކުރެވޭނޭކަމަށް މިނިސްޓްރީއިން މަޢްލޫމާތު ދެއްވައެވެ. މި ސެންސަރުތަކުން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

ވައިގެ ސާފު މިންވަރު ބެލުމަށް ނުވަތަ ވައި ތަޣައްޔަރުވެފައިވާ މިންވަރު ބެލުމަށްޓަކައި ހަރުކުރަނީ "އައިކިއު އެއާ" ނަމަކަށް ކިޔާ ބްރޭންޑެއްގެ ސެންސަރުތަކެކެވެ. ނައިފަރުގައި މި ސެންސަރު ހަރުކުރުމަށް ހަމަޖެހިފައިވާ ތަނަކީ މަލްޓިޕާފަސް ބިލްޑިންގގައެވެ. 

އޭގެ އިތުރުން، "އައިކިއު އެއާ" ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓް ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.

ތިމާވެއްޓާބެހޭ މިނިސްޓްރީއިން ވިދާޅުވަނީ ދިރާސާތަކުން ދައްކާގޮތުން ރާއްޖޭގައި ވައި ނުސާފުވުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތަކަކީ ދުއްވާ އެއްޗެއްސާއި، އުޅަނދުފަހަރާއި، ކުނި އެންދުމާއި، ފައިބަރު އުޅަނދުފަހަރު ބަނުމާއި އަދި ކޮންސްޓްރަކްޝަން ސިނާއަތުން ކަމަށެވެ. ނައިފަރަކީވެސް އަބާދީގޮތުން ބޮޑު އަދި ތަފާތު އެކި އެކި ޞިނާޢީ މަސައްކަތުގެ ސަބަބުން ވައި ތަޣައްޔަރުވުމުގެ ފުރުޞަތު ބޮޑު ރަށެއްކަން ފާހަގަ ކުރެވެއެވެ. އަދި ގޮނޑުގައި ކުނި އެންދެމުގެ ސަބަބުން ރަށު ތެރެއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރާތީވެ އެކަމުގެ ޝަކުވާތައް ޢާއްމުންގެ ފަރާތުން ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ޅ. ނައިފަރުގެ އިތުރުން ވައިގެ ސާފު މިންވަރު ބަލާ ސެންސަރު ހަރުކުރުމަށް ހަމަޖެހިފައި ވަނީ ވެރިކަން ކުރާ މާލެ އާއި ހުޅުމާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އާއި ދ. ކުޑަހުވަދޫ އާއި ލ. ގަމާއި ގދ. ތިނަދޫ އާއު ސ. ހިތަދޫ އަދި ޏ. ފުވައްމުލަކު ގައެވެ.