Naifaru Council in anhenunge dhuvas faahaga kurumuge harakaaiy thah fashaifi

ނައިފަރު ކައުންސިލުން އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފަށައިފި

Naifaru Council in anhenunge dhuvas faahaga kurumuge harakaaiy thah fashaifi

2 years ago

-

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް (8 މާރޗް 2022) ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ނައިފަރު ކައުންސިލުން ރަސްމީ ހަރަކާތްތައް މިއަދު ފަށައިފިއެވެ. މިގޮތުން ހަރަކާތްތައް ފެށިފައި ވަނީ ނައިފަރު ކައުންސިލްގައި މަސައްކަތް ކުރައްވާ ހުރިހާ ކަނބަލުންނަށް ބޭއްވުނު ހާއްޞަ ރަސްމީ ހަރަކާތަކުންނެވެ. އެގޮތުން މިއަދުގެ އޮފީސް ރަސްމީގަޑި ފެށިގެން ދިޔައީ، ކައުންސިލަރުންނާއި ކައުންސިލްގެ ފިރިހެން މުވައްޒަފުން އިންތިޒާމް ކޮށްގެން ބޭއްވުނު ހެނދުނުގެ ސަޔާއެކު ބޭއްވުނު ކުޅިވަރު ހަރަކާތްތަކަކާއި، ޓީމް ބިލްޑިންގ އަދި މޮޓިވޭޝަނަލް ޙަރަކާތްތަކުންނެވެ. ކަނބަލުންނަށް ޚާއްޞަ ކުރެވިގެން ތަފާތު މަޖާ ކުޅިވަރުގެ ޙަރަކާތްތަކާއެކު އުފާވެރި މާޙައުލެއްގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް މިއަދު ނިންމާލެވުނީ ކަނބަލުންނަށް ހާއްޞަ ކޭކެއް ފެޅުމަށްފަހުގައެވެ. 

ކުރިއަށް އޮތް ހަފްތާ ތެރޭގައި ދުވަހާ ގުޅޭ އިތުރު ޙަރަކާތްތަކެއްވެސް ޢާއްމުންނަށާއި މުއައްސަސާތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޢާއްމުންނަށް ހުޅުވާލެވިގެން ބޭއްވޭ ކެއްކުމުގެ ކޯހަކާއި މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވޭ ބަށި މުބާރާތެއް ނައިފަރު ކައުންސިލާއި ނައިފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން އިންތިޒާމްކޮށްގެން ބާއްވާ އަންހެނުންގެ ވޮލީ މުބާރާތެއްގައި ނައިފަރު ޓީމެއް ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިފަރު ކައުންސިލް ފާހަގަ ކޮށްލެވިފައިވަނީ ހީވާގި ކަނބަލުންތަކެއް މަސައްކަތް ކުރަމުންއަންނަ އިދާރާއެއްގެ ގޮތުގައެވެ. އަދި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅުއްވާ ކަނބަލުންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދީ ނައިފަރު ކައުންސިލްގެ ފަރާތުން އަރިސްކުރަމުންނެވެ.