Naifaru gai sarukaarun imaaraaiy kohfaivaa 100 housing unit Naifaru Council aai havaal kuravvaifi

ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ނައިފަރު ކައުންސިލާ ހަވާލުކުރައްވައިފި

Naifaru gai sarukaarun imaaraaiy kohfaivaa 100 housing unit Naifaru Council aai havaal kuravvaifi

2 years ago

-

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ނައިފަރުގައި ޤާއިމްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް 2022 ފެބްރުއަރީ 19 ވަނަ ދުވަހު ނައިފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނައިފަރު ކައުންސިލާ ހަވާލުކުރައްވައިފި އެވެ.

2022 ފެބްރުއަރީ 18 އިން 19 އަށް ރައީސުލްޖުމްހޫރިއްޔާ ޅ.އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ނައިފަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން  މަދަރުސަތުލް އިފްތިތާޙްގައި އަލަށް އިމާރާތްކުރި 10 ކްލާސްރޫމާއި އޭވީ ރޫމްއާއި ސްޓާފްރޫމް ހިމެނޭ އިމާރާތް ރަސްމީގޮތުން ހުޅުވައިދެއްވަވާފައި ވެއެވެ. މީގެ އިތުރުން ނައިފަރަށް ކުރެވެވި ދަތުރުފުޅުގައި، ޅ. އަތޮޅު ކައުންސިލާއި، ޅ. ނައިފަރު ކައުންސިލާއި، ޅ. ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ޅ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވަވާފައި ވެއެވެ. އަދި މީގެ އިތުރުން ނައިފަރުގައި ޢިމާރާތްކޮށްފައިވާ ނައިފަރު ކައުންސިލްގެ އައު ޢިމާރާތަށް ޒިޔާރަތްކުރައްވާ، އެތަނުގެ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްލަވާފައެވެ.

ޅ. ނައިފަރުގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް އެ ރަށުގެ ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، މި ހައުސިންގ ޔުނިޓްތަކުން ނައިފަރުގައި އެންމެބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށާއި ނަމަވެސް މިއީ އެތައް ޒަމާނެއް ކުރިން ފެށިގެން ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެ ކަމެއް ނޫންކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިފަރު ކައުންސިލުން ވަނީ ނައިފަރުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތައް އިތުރުކޮށް ސްޕެޝަލިޓީ ޚިދުމަތްތައް ހުންނަން އެދޭކަމާއި މަގުހެދުމާއި ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި ނައިފަރު މަދަރުސަތުލް އިފްތިތާޙަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި މަސްވެރިންނަށް އައިސްލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ރަށުގެ އިޤްތިސާދީ އިޖްތިމާޢީ ތަރައްޤީއަށް މުހިންމުކަންތައްތައް ކައުންސިލުން ފާހަގަކުރައްވާފައި ވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މިހާރު އަންނަނީ ސަރުކާރުން ރައްޔިތުނަށް ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތްކަތައްކުރަމުންކަން ފާހަގަކުރައްވައި ސަރުކާރުން ވީ ވަޢުދުތައް ފުއްދަމުން ގެންދަވާނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތިކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާހުރެ ބައެއް މަޝްރޫޢުތައް މަޑުޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިސާދީ ޙާލަތު ރަނގަޅުވަމުން އަންނާތީ އެކަންކަން ހުއްޓުމެއްނެތި ކުރިޔަށްދާކަމުގައެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަންމުގެ ތެރެއިން ގިނަ ކަންކަމަކީ މިހާރު ފެށިގެން ކުރިޔަށްދާ ނުވަތަ ފެށުމުގެ މަގުމަތީގައި ވާކަންތައްތައް ކަމުގައި ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ނިޒާމު ހަރުދަނާކޮށް ސްޕެޝަލިސްޓުން ހޯދުމަށް ކައިރި މުސްތަޤްބަލެއްގައި ޙައްލުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތް ކުރެވޭނެކަމަށާއި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިފަރަށް ކުރެއްވި ދަތުރު ފުޅުގައި އެމަނިކުފާނުގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.