100 housing unit ge haqqu verinnaai unit thah hawalu kurumuge masakaiy fashaifi

100 ހައުސިން ޔުނިޓްގެ ހައްޤުވެރިންނާއި ޔުނިޓްތައް ޙަވާލުކުރުމުގެ މަސައްކަތް ފަށައިފި

100 housing unit ge haqqu verinnaai unit thah hawalu kurumuge masakaiy fashaifi

2 years ago

-

ނައިފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް، ޔުނިޓްތަކުގެ ހައްޤުވެރިންނާއި ޙަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޕްލޭންނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ނައިފަރުގައި ކުރިޔަށްގެންދަން ފަށައިފިއެވެ. 

100 ހައުސިން ޔުނިޓް ޢިމާރާތް ކުރުމުގެ ޕްރޮޖެކްޓް 2021 ނޮވެމްބަރ މަހުގެ ތެރޭގައި ނިމުމާއެކު، ހައުސިން ޔުނިޓްތަކަށް ކުރިމަތު ލުމުގެ ފުރުޞަތު 2021 ނޮވެމްބަރ 18 އިން ޑިސެމްބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ކައުންސިލުން ޢާންމުކޮށް ހުޅުވާލައި، ފޯމް ބަލައިގަތުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. 100 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތާއި ގުޅިގެން ނައިފަރުގެ 802 ފަރާތަކުން ފޯމް ހުށަހަޅާފައި ވެއެވެ. 

މި ހައުސިން ޔުނިޓް ދޫކުރުމަށް ކަނޑާއަޅާފައިވާ އުޞޫލުގެ ތެރެއިން، ހައުސިން ޔުނިޓަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކުރުމާއި މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް، ކައުންސިލުން ކަނޑައަޅާފައިވާ ހައުސިން ޔުނިޓް ކޮމެޓީގެ ބެލުމުގެ ދަށުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ނައިފަރުގައި 100 ހައުސިން ޔުނިޓް ޢިމާރާތްކޮށް، ބޯހިޔާވަހިކަން ބޭނުންވެފައި ތިބި 100 ޢާއިލާއަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބުނުކަމުގައި ވިޔަސް، ނައިފަރުގައި ތޮއްޖެހިފައިވާ ޢާއިލާތަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް މި ހައުސިން ޔުނިޓްތަކުގެ ސަބަބުން އަދި ލިބިގެން ނުދާނެކަން، 2022 ފެބްރުއަރީ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ނައިފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ކައުންސިލުން ވަނީ ހިއްސާ ކުރައްވާފައެވެ. މިގޮތުން މިފަދަ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ނައިފަރަށް ހޯއްދަވާދެއްވުމާއި މެދު ވިސްނާވަޑައިގަންނަވާނެކަމުގެ އުއްމީދު ވެސް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ.

ނައިފަރުގެ ރައްޔިތުންގެ ތެރެއިން 100 ޢާއިލާއަކަށް މިޕްރޮޖެކްޓްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާތީ، އެކަން ފާހަގަ ކުރައްވާ ކައުންސިލުން ވަނީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. 

ހައުސިން ޔުނިޓްތައް އޭގެ ހައްޤުވެރިންނާއި ޙަވާލުކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު އަވަހަށް ނިންމުމަށް ޓަކައި މިނިސްޓްރީ އޮފް ޕްލޭންނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޓީމާއި ނައިފަރު ކައުންސިލުން ގުޅިގެން ދަނީ މަސައްކަތް ކުރައްވަމުންނެވެ.