ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިފްތިތާޙްކޮށްފި


ނައިފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބްކޮށް، މިކޮމެޓީ އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ކުލަގަދަ ގޮތެއްގައި ނައިފަރު ކައުންސިލުން ބާއްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވުނީ 2019 މާރޗް 04 ވަނަ ދުވަހުގެ 10:30 ގައި ނައިފަރު މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ކުރިޔަށް އޮތް 3 އަހަރުދުވަހަށް އިންތިޚާބު ކުރެވުނު މި ކޮމެޓީއަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 35 ވަނަ މާއްދަގެ ދަށުން އެކުލަވާލެވޭ ކޮމެޓީއެކެވެ. ކޮމެޓީއަށް އިގްރާރު ލާދެއްވީ ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ މަރްޔަމް ނަޞްރާ އެވެ.
މިކޮމެޓީއަށް ކުރިމަތިލުމަށް 3 ފަހަރެއްގެ މަތިން އިޢުލާން ކުރެވި، 3 ވަނަ ފަހަރާއި ހަމައަށް ކުރިމަތިލާފައިވަނީ ނައިފަރު ދާއިރާގެ ކޮމެޓީގައި ޖުމްލަ ހިމެނެން ޖެހޭ ޢަދަދު ކަމުގައިވާ 9 މެމްބަރުން ހަމަވާ މިންވަރަށެވެ. އެހެންކަމުން ކޮމެޓީއަށް ކުރިމަތިލާފައިވާ 9 މެމްބަރުން ވަނީ، ވޯޓުލުމަކާއި ނުލައި އިންތިޚާބު ކުރެވިފައެވެ.
ކޮމެޓީގެ މެމްބަރުން އިފްތިތާޙް ކުރުމުގެ ހަފްލާގައި ބައިވެރިވެ، ކޮމެޓީގައި މަސައްކަތްކުރުމަށް އިޤްރާރުވެފައި ވަނީ 6 މެމްބަރުންނެވެ. ބާކީ 3 މެމްބަރުން ވަނީ އެކި ސަބަބުތަކާހުރެ އިފްތިތާޙީ ޖަލްސާގައި ބައިވެރި ނުވެވިފައެވެ.
ކޮމެޓީގެ އިފްތިތާޙީ ޖަލްސާއަށްފަހު، ބައިވެރިވި 6 މެމްބަރުން، ކޮމެޓީގައި މަސައްކަތްކުރުމަށް އިޤްރާރުވުމަށްފަހު، ކޮމެޓީގެ ރައިސާ އަދި ނާއިބު ރައީސާ އިންތިޚާބުކުރުމަށް، މިދައުރުގެ ފުރަތަމަ ޢާންމު ޖަލްސާ ވެސް ވަނީ 2019 މާރޗް 04 ވަނަ ދުވަހުގެ 11:23 ގައި ނައިފަރު ކައުންސިލްގެ މީޓިން ރޫމްގައި ބޭއްވިފައެވެ. މިގޮތުން ކޮމެޓީގެ ރައީސާއެއްގެ ގޮތުގައި ކޮމެޓީގެ އިއްތިފާޤުން އިންތިޚާބު ކުރެވިފައި ވަނީ ޅ. ނައިފަރު މަރުޖާނުގެ، ޢާއިޝަތު މުޙައްމަދެވެ. އަދި ނާއިބު ރައީސާއެއްގެ ގޮތުގައި ކޮމެޓީގެ އިއްތިފާޤުން އިންތިޚާބު ކުރެވިފައި ވަނީ ޅ. ނައިފަރު ދީދާރުގެ، ފާޠިމަތު ނުޒުހާއެވެ.
ކޮމެޓީގެ އިފްތިތާޙީ ޖަލްސާ އަދި ކޮމެޓީގެ ރައީސާ އަދި ނާއިބުރައީސާ ހޮވުމަށްފަހު ކޮމެޓީގެ މަސައްކަތްތައް މިވަނީ ފެށިގެން ގޮސްފައެވެ.