ނައިފަރު ބަނދަރު ހެދުމުގެ މަޝްރޫޢާއި ބެހޭ މަޢުލޫމާތު | ނައިފަރު ކައުންސިލްގެ އިދާރާ

ނައިފަރު ބަނދަރު ހެދުމުގެ މަޝްރޫޢާއި ބެހޭ މަޢުލޫމާތު

ނައިފަރު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން 17 ފެބްރުއަރީ 2013ވަނަ ދުވަހު ކުރަނީ – ފޮޓޯ: ނައިފަރު ކައުންސިލް

ނައިފަރު ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން 17 ފެބްރުއަރީ 2013ވަނަ ދުވަހު ކުރަނީ – ފޮޓޯ: ނައިފަރު ކައުންސިލް

 ނައިފަރުގެ ބަނދަރު

ނައިފަރަކީ، ވަރަށްކުރިންފެށިގެންވެސް، ރައްޔިތުން ހަދައި ބަލަހައްޓަމުންދާ ބަނދަރެއް އޮންނަ ތަނެކެވެ. ބަނދަރާއި ގުޅިފައިވާ ކަނޑު ތޮށްޓާ އެއްގަމު ތޮށްޓަކީ، ރައްޔިތުންގެ ބުރަ މަސައްކަތެވެ. ނަމަވެސް ސުނާމީގެ ސަބަބުން ކަނޑުތޮށްޓާ އެއްގަމު ތޮށްޓަށް، އަދި ހާބަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެތަންތަންވަނީ ވަރަށްބޮޑަށް ވީރާނަވެ، މަރާމާތަށް ބޭނުންވެފައެވެ.

ނައިފަރު ބަނދަރު މަޝްރޫޢާއި ގުޅޭ ގޮތުން އެކި ދުވަސްވަރު ކުރެވިފައިހުރި މުޢާމަލާތްތަކުގެ ޚުލާސާ

ޅ. ނައިފަރު ކައުންސިލް އުފެދުނު ފަހުން ނައިފަރު ބަނދަރު ހެދުމާއި ގުޅޭގޮތުން ޅ.ނައިފަރު ކައުންސިލާއި ރައްޔިތުންނާއި ސަރުކާރާއި ދެމެދުކުރެވިފައިވާ މުޢާމަލާތުތައް

  • 17 މާރޗް 2011 ގައި ނައިފަރު ބަނދަރުގެ ޑްރާފްޓް ކޮންސެޕްޓް ޑިޒައިނެއް އޮޑިވެރިންނާއި ކެޔޮޅުންނާއި އެކު ބޭއްވުނު  ބައްދަލުވުމެއްގައި އެކުލަވާލެވުނެވެ.
  • 05 މެއި 2011 ގައި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު   ނައިފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި 17 މާރޗް 2011 ގައި އޮޑިވެރިންނާއި ކެޔޮޅުންގެ ޚިޔާލާއިއެކު ތައްޔާރުކުރި ކުރެހުން  ޕްރޮޕޯސަލް ކަރުދާހެއް ގޮތަށް ރައީސަށް އެރުވުނެވެ.
  • މިހާރު އޮތް ބަނދަރުގެ އެއްވެސް މަރާމާތެއް މިވަގުތު ނުކޮށް، 800 ފޫޓް ދިގު 300 ފޫޓް ފުޅާ އައު ބަނދަރެއް މިހާރު އޮތް ބަނދަރު ސަރަހައްދުގެ މަސްމާރުކޭޓް އިންވެގެން ދެކުނު ފަރާތުގައި ހެދުމަށް ސަރުކާރުން ނިންމަވައިފި ކަމަށާއި މިކަމާއި ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު އެގޮތަށް އެއްބަސްވާނަމަ 02 ޖުލައި 2011 ގެ ކުރިން އުތުރު ސަރަހައްދުގެ ޤައުމީ އިދާރާއަށް އެކަން އެގުން އެދި 27 ޖޫން 2011 ގައި އުތުރު ސަރަހައްދުގެ ޤައުމީ އިދާރާއިން ނައިފަރު ކައުންސިލަށް  ސިޓީއެއް ފޮނުއްވިއެވެ.
  • 27 ޖޫން 2011 ގައި ޤައުމީ އިދާރާއިން ފޮނުއްވި ސިޓީއާއި ގުޅިގެން 01 ޖުލައި 2011 ވީ ހުކުރު ދުވަހުގެ 14:30 ގައި ނައިފަރު ކައުންސިލްގެ މީޓިންގ ރޫމްގައި އޮޑިވެރިންނާއި ކެޔޮޅުންނާއި ކަނޑުދަތުރު ފަތުރުކުރާ އެހެނިހެން އުޅަނދު ގެންގުޅުއްވާ ފަރާތްތަކާއި އެކު   ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި ސަރުކާރުން ހުށަހަޅާފައިވާގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ބައިވެރިން މަޝްވަރާދެއްވިއެވެ.
  • ބައްދަލުވުމުގެ ބައިވެރިން ދެއްވި މަޝްވަރާއި އެއްގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް 04 ޖުލައި 2011 ގައި އުތުރު ސަރަހައްދުގެ ޤައުމީ އިދާރާއަށް  ސިޓީއަކުން ދެންނެވުނެވެ.
  • ބޭންކު އޮފް މޯލްޑިވްސް ނައިފަރު ބްރާންޗް ހުންނަ އިމާރާތާއި ދިމާލުން އެއްގަމުތޮށިން ބައެއް ވެއްޓި ބަނދަރުތެރެއަށް ފަސްފައިބާތީ، ޢިމާރާތަށް ލިބިދާނެ ގެއްލުމަކާއިމެދު ކަންބޮޑުވެލައްވާކަމަށާއި އެކަމަށް ޙައްލެއް ހޯއްދަވާ ދެއްވުން އެދި ބޭންކު އޮފް މޯލްޑިވްސް އިން ނައިފަރު ކައުންސިލަށް ފޮނުއްވާފައިސިޓީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްދެއްވައި އެކަމަށް ޙައްލެއް ހޯއްދަވާދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދި 07 ސެޕްޓެމްބަރ 2011 ގައި އުތުރު ސަރަހައްދުގެ ޤައުމީ އިދާރާގައި ސިޓީއަކުން ދެންނެވުނެވެ.
  • ނައިފަރުގައި ފެށުމަށް ހަމަޖެހިފައިވާ ބަނދަރުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ލަސްވާ ސަބަބާއި، އެމަސައްކަތުގެ ޕްލޭނަށް ބަދަލެއް އައިސްފައިވާނަމަ، އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު އަންގަވާދެއްވުން އެދި 07 ސެޕްޓެމްބަރ 2011 ގައި އުތުރު ސަރަހައްދުގެ ޤައުމީ އިދާރާއަށް  ސިޓީއަކުން ދެންނެވުނެވެ.
  • 05 ފެބްރުއަރީ 2012ގައި ނައިފަރުގައި ފެށުމަށް ހަމަޖެހިފައިވާ ބަނދަރުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ލަސްވާ ސަބަބާއި، އެމަސައްކަތުގެ ޕްލޭނަށް ބަދަލެއް އައިސްފައިވާނަމަ، އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު އަންގަވާދެއްވުމަށް އުތުރު ސަރަހައްދުގެ ޤައުމީ އިދާރާއިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަމެންޓްގައި  ސިޓީއަކުން ދެންނެވިއެވެ.
  • ނައިފަރު ބަނދަރުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސާފުކުރުމަށާއި ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން މިމަޝްރޫއު އަވަސްކޮށްދެއްވުން އެދި 21 ފެބްރުއަރީ 2012 ގައި ނައިފަރު ކައުންސިލްގެ ފަރާތުން ހައުންސިން މިނިސްޓްރީގައި  ސިޓީއަކުން ދެންނެވުނެވެ.
  • ބަނދަރުގެ އެއްގަމު ތޮށިގަނޑަށް ލިބިފައިވާ ގެއްލުންތަކާއި މިކަމުގެ ސަބަބުން ތޮށިގަނޑު ހިމެނޭ ސަރަހައްދަށް އަންނަމުންދާ ބަދަލުތަކާއި ލިބެމުންދާ ގެއްލުންތައް ދިރާސާކޮށް، އަގުކޮށް، މަރާމާތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް، ފަންނީ ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެއްވުން އެދި ނައިފަރު ކައުންސިލްގެ ފަރާތުން 28 ފެބްރުއަރީ 2012 ގައި ހައުސިން މިނިސްޓްރީގައި  ސިޓީއަކުން ދެންނެވުނެވެ.
  • ނައިފަރު ކައުންސިލްގެ ފަރާތުން ނައިފަރަށް މިވަގުތަށް ބޭނުންވާ މުހިންމު ކަންކަން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ސަމާލުކަމަށްގެނަސް އެކަންކަން އަވަހަށް ޙާޞިލްކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެއިދާރާތަކާއި މަޝްވަރާކޮށް ނަތީޖާ ޙާޞިލްކުރުމަށް 31 މާރޗް 2012 އިން 7 އޭޕްރީލް 2012އަށް މާލެއަށް ކުރި ރަސްމީ ދަތުރުގައި ނައިފަރުގެ ބަނދަރުގެ ޙާލަތު ހައުސިން މިނިސްޓްރީއަށް އޮޅުންފިލުއްވާ ދެއްވާ މިހާރު ކުރިއަށްގެންދަވާ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް އަވަސްކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބަނދަރު ހެދުމަށް ސަރުކާރުން އެންމެ އިސްކަންދޭ 2 ބަނދަރުގެ ތެރޭގައި ނައިފަރުގެ ބަނދަރު ހިމެނިފައިވާކަމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާތަކުގައި ހާމަކޮށްދެއްވިއެވެ.
  • ނައިފަރު ބަނދަރުގެ އެއްގަމު ތޮއްޓަށާއި ކަނޑުތޮށްޓަށް ލިބިފައިވާ ގެއްލުންތައް ހިމެނޭ ފޮޓޯއާއިއެކު އެމައްސަލައަށް އަވަސް ހައްލެއް ހޯއްދަވާދެއްވުން އެދި އަދޭސް ދަންނަވާ ނައިފަރު ކައުންސިލްގެ ފަރާތުން ހައުންސިން މިނިސްޓްރީއަށް 09 ޖުލައި 2012 ގައި  ސިޓީއެއް ފޮނުއްވިއެވެ.
  • ފޯނުން ކުރެވުނު މުޢާމަލާތް: ނައިފަރު ބަނދަރުގެ މަސައްކަތް ބޭރުގެ ފަރާތަކުން ލޯނެއް ނަންގަވައިގެން 2012ވަނަ އަހަރުތެރޭގައި ފެއްޓެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހައުސިން މިނިސްޓްރީއިން ފޯނުން މަޢުލޫމާތު ދެއްވާފައިވެއެވެ. މިގޮތުން 2012ވަނަ އަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައި ލޯން ހަމަޖެހޭތޯ ހައުސިން މިނިސްޓަރ ބޭރަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށާއި ލޯން ހަމަނުޖެހިއްޖެނަމަ 2013ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެންވެސް މިމަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީއިން ދެއްވިއެވެ.
  • ފޯނުން ކުރެވުނު މުޢާމަލާތް: 2013ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ދައުލަތުގެ ބަޖެޓް ހުށަހެޅިއިރު ނައިފަރު ބަނދަރުގެ މަޝްރޫއަށް ފައިސާ އެލޮކޭޓް ކޮށްފައިވޭތޯ ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މުޙައްމަދު މެދުވެރިކޮށް ނައިފަރު ކައުންސިލުން ކަށަވަރުކުރިއެވެ. އަދި ނައިފަރު ކައުންސިލުން އެންމެ އިސްކަންދޭ 3 މަޝްރޫއުގެ ތެރޭއިން 1 ވަނައަށް ބަނދަރުގެ މަޝްރޫޢު ހިމެނޭ ކަމަށާއި އެކަން ބަޖެޓު ދިރާސާކުރާ ކޮމެޓީގެ ސަމާލުކަމަށް ގެނަސްދެއްވުމަށާއި އެމަޝްރޫއިން އެއްވެސް ފައިސާއެއް އުނިނުކޮށް އޮތްގޮތަށް ބަޖެޓުގައި ހިމަނާދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު މުޙައްމަދު މެދުވެރިކޮށް ބަޖެޓު ދިރާސާކުރާ ކޮމެޓީއަށް ހުށަހެޅުނެވެ. އަދި 2013ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރެވުނު އިރު އެމަޝްރޫއިން އެއްވެސް ފައިސާއެއް އުނިނުކޮށް އޮތްގޮތަށް ބަޖެޓުގައި ހިމަނާދެއްވާފައިވެއެވެ.
  • ޅ. ނައިފަރު ބަނދަރު މަޝްރޫޢުގެ އަލަށް ތައްޔާރުކުރި ބަނދަރުގެ ޕްރިލިމިނަރީ ކޮންސެޕްޓް ޑިޒައިނެއް ރައްޔިތުންގެ ޚިޔާލުހޯދުމަށް 22 ނޮވެމްބަރ 2012ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ފަރާތުން ޅ.ނައިފަރު ކައުންސިލަށް ފޮނުއްވިއެވެ. މިޑިޒައިންގައި މިހާރު އޮތް ބަނދަރުގެ އެއްގަމުތޮށި މަރާމާތު ކުރުމާއި 800 ފޫޓް ދިގު 300 ފޫޓް ފުޅާ އައު ބަނދަރެއް މިހާރު އޮތް ބަނދަރު ސަރަހައްދުގެ މަސްމާރުކޭޓް އިންވެގެން ދެކުނު ފަރާތުގައި ހެދުމަށް ހުށަހަޅާފައިވެއެވެ.
  • ޅ. ނައިފަރު ބަނދަރު މަޝްރޫޢުގެ އަލަށް ތައްޔާރުކުރި ބަނދަރުގެ ޕްރިލިމިނަރީ ކޮންސެޕްޓް ޑިޒައިން ރައްޔިތުންގެ ޚިޔާލުހޯދުމަށް 25 ނޮވެމްބަރ 2012 ވީ އާދިއްތަދުވަހުގެރޭ 9:00 ގައި ނައިފަރު ކައުންސިލްގެ މީޓިންގ ރޫމްގައި އޮޑިވެރިންނާއި ކެޔޮޅުންނާއި ކަނޑުދަތުރު ފަތުރުކުރާ އެހެނިހެން އުޅަނދު ގެންގުޅުއްވާ ފަރާތްތަކާއި އެކު ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި ސަރުކާރުން ހުށަހަޅާފައިވާގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ބައިވެރިން މަޝްވަރާދެއްވިއެވެ. އަދި މަސައްކަތް ފައިނަލް ކުރައްވާއިރު ރިއާޔަތް ކުރައްވަންޖެހޭ ބައެއް މުހިންމު ކަންކަން އެފަރާތްތަކުން ފާހަގަކުރެއްވިއެވެ.
  • ބައްދަލުވުމުގެ ބައިވެރިންގެ މަޝްވަރާއާއި އެއްގޮތަށް ސަރުކާރުން ހުށަހަޅާފައިވާގޮތަށް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ނައިފަރު ކައުންސިލްގެ ފަރާތުން 26 ނޮވެމްބަރ 2012ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގަޔާއި ހައުސިން މިނިސްޓްރީގައި  ސިޓީއަކުން ދެންނެވުނެވެ. އަދި މަސައްކަތް ފައިނަލް ކުރައްވާއިރު ރިއާޔަތް ކުރައްވަންޖެހޭ ބައެއް މުހިންމު ކަންކަން ކަމަށް އެފަރާތްތަކުން ފާހަގަކުރެއްވި ކަންކަން އެސިޓީގައި ހިމެނުނެވެ.

ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުން

ޅ. ނައިފަރުގެ ބަނދަރު ހެދުމުގެ މަސައްކަތް 58.7 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 ޑިސެމްބަރ 2012 ގައެވެ. ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސީސީން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން ޑިޕާޓްމަންޓުގެ އެގްޒެކެޓިވް އަހުމަދު ސައީދެވެ.

އެމްޓީސީސީއާ އެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ނައިފަރު ބަނދަރު ހަވާލުކޮށްފައި ވަނީ 58.7 މިލިއަން ރުފިޔާ އަށެވެ. ބަނދަރު ނިންމުމަށް ހަވާލުކޮށްފައި ވަނީ 17 މަސް ދުވަހުގެ ތެރޭގަ އެވެ. އެއްބަސްވުމުގެ ދަށުން ބޮޑުހިލަޖަހައިގެން ނައިފަރުގެ އިރު ދެކުރުފަރާތުގައި 800 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ މުޅިން އައު ބަނދަރެއް ހަދާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކުރީގެ ބަނދަރުގެ އެއްގަމު ތޮށި އެއްކޮށް ޝީޓްޕައިކޮށް އަލުން ހެދުމަށްވަނީ ނިންމާފައެވެ.

ނައިފަރު ބަނދަރު ހެދުމުގެ މަޝްރޫޢުއަކީ 2013ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫއަށް ކޮންޓްރެކްޓަރެއް ހޯދުމަށް ހައުސިން މިނިސްޓްރީއިން އިޢުލާންކޮށްފައިވަނީ 22 ނޮވެމްބަރ 2012 ގައެވެ.

ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ނައިފަރުގައި ފަށާފައިވަނީ 16 ފެބްރުއަރީ 2013 ގައެވެ. މިގޮތުން އެންމެ ފުރަތަމަ އެމްޓީސީސީގެ ފަރާތުން ކުރިއަށްގެންދަނީ ދެކުނު ފަރާތުގެ ފަޅު ފުންކުރުމުގެ މަސައްކަތެވެ.

މިހާރު ހިނގަމުންދާ ނައިފަރު ބަނދަރު މަޝްރޫޢާއި ބެހޭ އިތުރު މަޢުލޫމާތު ބެއްލެވުމަށް

 

ބަނދަރުގެ މަސައްކަތާއި މެދު ހިތްހަމަނުޖެހިގެން 28 ފެބްރުއަރީ 2013 ގައި 365 މީހުން ސޮއިކޮށް ހުށަހެޅި ޕެޓިޝަން

  ޕެޓިޝަން (ޕީޑީއެފް)

ޕެޓިޝަނަށް ފަހު ޕެޓިޝަން ހުށަހެޅި ފަރާތްތަކާއި ނައިފަރު ކައުންސިލާއި ދެމެދު ކުރެވުނު މަޝްވަރާތައް

  • ޕެޓިޝަނާއި ގުޅިގެން ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއިއެކު ނައިފަރު ކައުންސިލުން އެއްފަހަރަށްވުރެ ގިނަ ފަހަރު ބައްދަލުކޮށް ޚިޔާލު ބަދަލުކުރެވުނެވެ.
  • މިގޮތުން ބޭއްވުނު ބައްދަލުވުންތަކުގައި ބަނދަރުގެ މަސައްކަތާއި ގުޅޭގޮތުން ނައިފަރު ކައުންސިލުން މިހާތަނަށް ސަރުކާރާއިއެކު އަދި އޮޑިވެރިންނާއި ކެޔޮޅުންނާއި މަސްވެރިންނާއި އެކު ކުރެވިފައިވާ މުޢާމަލާތްތަކުގެ ތަފްޞީލް އެފަރާތްތަކާއި ޙިއްޞާކުރެވި ބައެއް ލިޔެކިޔުންތަކުގެ ކޮޕީ އެފަރާތަކަށް ފޯރުކޮށްދެވުނެވެ.
  • މިބައްދަލުވުން ތަކުން 2 ފަރާތަށްވެސް 2 ކަމަކަށް އެއްބަސް ވެވުނެވެ. އެކަންތައްތަކުގެ ތެރޭގައި
    1. ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަންގައިވާ ކަންކަން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގައި ނައިފަރު ކައުންސިލްގެ ފަރާތުން ލިޔުމުން ދަންވަނާ އެކަމަށް ލިޔުމުން ޖަވާބު ހޯދުމަށް މަސައްކަތް ކުރުން
    2. ނައިފަރު ކައުންސިލްގެ ފަރާތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ބައްދަލުކޮށް ރައްޔިތުންގެ ޝަކުވާ އެފަރާތްތަކަށް އިއްވުމަށް މާލެއަށް ދަތުރެއް ކުރުމަށް ނިންމުނެވެ. އަދި މިދަތުރަށް ޚަރަދުކުރުމަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުން އެއްބަސްވެ ލެއްވިއެވެ.

ނައިފަރު ބަނދަރު ހެދުމާއި ގުޅޭގޮތުން ޢާންމުންގެ ފަރާތުން ހުށަހެޅުނު ޕެޓިޝަނާއި ގުޅިގެން ނައިފަރު ކައުންސިލުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް 13 މާރޗް 2013ގައި ފޮނުވި ސިޓީ

   ސިޓީ (ޕީޑީއެފް)

 

ނައިފަރު ބަނދަރު ހެދުމާއި ގުޅޭގޮތުން ޢާންމުންގެ ފަރާތުން ހުށަހެޅުނު ޕެޓިޝަނާއި ގުޅިގެން ނައިފަރު ކައުންސިލުން ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް 13 މާރޗް 2013ގައި ފޮނުވި ސިޓީ އަށް 10 އޭޕްރީލް 2013ގައި ހައުސިން މިނިސްޓްރީއިން ދެއްވި ޖަވާބު

   ސިޓީ (ޕީޑީއެފް)

 

ނައިފަރުގެ ބަނދަރު ހެދުމުގެ މަޝްރޫއާއި ގުޅޭގޮތުން ނައިފަރު ކައުންސިލްގެ ފަރާތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއި ބައްދަލުކުރުމަށް މާލެއަށް ކުރި ދަތުރު

މިދަރު ކޮށްފައިވަނީ 20 އޭޕްރީލް 2013 އިން 23 އޭޕްރީލް 2013 އަށެވެ. މިދަތުރުގައި ނައިފަރު ކައުންސިލްގެ 3 މެންބަރުންނާއި ރައްޔިތުންގެ ފަރާތުން 2 މަންދޫބުން ބައިވެރިވެ ލެއްވިއެވެ.

މިދަތުރުގައި ބައިވެރިވި މަންދޫބުން އެންމެ ފުރަތަމަ ބައްދަލުކުރީ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއާއިއެވެ. މިބައްދަލުވުން އޮތީ 21 އޭޕްރީލް 2013 ވީ އާދީއްތަ ދުވަހު މެންދުރު ފަހު 2:30 ގައި ހައުންސިން މިނިސްޓްރީގައެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ބަނދަރުގެ ކޮންސެޕްޓަށް ބަދަލުގެނަސް މިހާރު އޮތް ބަނދަރުގެ ނެރުފައިކަށި މިހާރު އިންގޮތުން ވައިގަދަ ދުވަސްވަރު ނައިފަރު ފަޅުތެރެ އާދަޔާއި ޚިލާފަށް ގަދަވާތީ އެކަން ޙައްލުކުރުމަށް ކަނޑުތޮށީގެ ނެރުފައިކަށި ކަނޑުތޮއްޓާއި ގުޅުވައިގެން ކަތިކޮށް ފަޅުތެރެ ވައިގަދަ ދުވަސްވަރު ގަދަނުވާނެ ގޮތަކަށް ހެދުމަށް މިނިސްޓަރަށް ހުށަހެޅުނެވެ.

ހައުސިން މިނިސްޓަރ ވިދާޅުވެފައިވަނީ ނައިފަރުގެ ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކޮށް ހައްދަވާ ދެއްވުމަށް ބޭނުންވާ ކަމަށާއި އެހެންކަމުން މިނިސްޓްރީގެ ޓެކްނިކަލް ބޭފުޅުން މެދުވެރިކޮށް އެބަދަލު ގެނައުމަށް ހިނގާ ޚަރަދު އެސްޓިމޭޓް ކުރައްވާނެ ކަމަށެވެ. އަދި އެޚަރަދު ކަލްކިއުލޭޓް ކުރެއްވުމަށްފަހު ފިނޭސްން މިނިސްޓްރީގެ ހުއްދައަށް އެދި ހުށަހަޅުއްވާނެ ކަމަށާއި ފިނޭންސް މިނިސްޓްރީއިން އެޚަރަދު ކުރެއްވުމަށް އެޕްރޫވަލް ދެއްވުމާއި އެކު މިހާރު ކުރިއަށްދާ މަސައްކަތައް އެމަސައްކަތްވެސް އިތުރުކޮށްދެއްވާނެ ކަމަށެވެ.

ދެން ދަތުރުގެ ބައިވެރިން މަސައްކަތް ކުރެއްވީ ފިނޭންސް މިނިސްޓަރ އާއި ބައްދަލުކުރައްވާ ރައްޔިތުންގެ ޝުޢޫރުތައް އެމަނިކުފާނާއި ޙިއްޞާ ކުރެއްވުމަށެވެ. މިގޮތުން 22 އޭޕްރީލް 2013ވީ ހޯމަ ދުވަހުގެ ހަވީރު 5:30 އަށް ފިނޭންސް މިނިސްޓަރގެ އެޕޮއިންޓްމެންޓެއް ހަމަޖެހުނެވެ. އަދި އެގަޑިއަށް ދަތުރުގެ ބައިވެރިން ފިނޭންސް މިނިސްޓްރީއަށް ހާޒިރުވިއެވެ. އެހެންނަމަވެސް މިނިސްޓަރ އެހެން ބައްދަލުވުން ތަކެއްގައި އުޅުއްވަން ޖެހުމުގެ ސަބަބުން އެދުވަހުގެ ބައްދަލުވުން ކެންސަލްވިއެވެ. އަދި އޭގެފަހުގެ ދުވަސްތަކުގައި ފިނޭންސް މިނިސްޓަރގެ އެޕޮއިންޓްމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. އެހެންކަމުން މިމައްސަލާގައި ފިނޭންސް މިނިސްޓަރގެ ބަހެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ.

މިހާރު ބޭނުންކުރަމުންދާ ބަނދަރުގެ ކަނޑުތޮށިލުމުގެ މަސައްކަތަށް އިތުރަށް ހިނގާނެ ޚަރަދު ކަލްކިއުލޭޓްކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތުގެ ތަފްޞީލް ހޯއްދުމަށްއެދި 06 މެއި 2013ގައި ނައިފަރު ކައުންސިލްގެ ފަރާތުން ހައުންސިން މިނިސްޓްރީއަށް ސިޓީ ފޮނުވުނެވެ.

   ސިޓީ (ޕީޑީއެފް)